12 Jan 2012, 14:52
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ އިބްރާހިމް ރަޝީދު ޕަބްލިކް ޓީވީއަކުން ގުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ކިޔާފައިވާފައިވާ ކަމަށް ބުނެ، އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމްއެންބީސީ ވަންގެ އަންގާރަ ދުވަހުގެ އަށެއްގެ ޚަބަރުގައި ގުރުއާނުގެ އާޔަތްތަށް ނުބައިކޮށް ރަޝީދު ކިޔާފައި ވާތީ އެކަން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
ގުރުއާންގެ އާޔަތްތައް ބޭނުން ގޮތަކަށް ބަދަލުކޮށް ހެދުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށާއި އެފަދަ ކަންކަން ތަކުރާރުނުކުރުމަށް އޭނާ އަށް ނަސޭހަތްތެރިވާ ކަމަށް ވެސް އަދާލަތުގެ އެ ބަޔާނުގައިވެ އެވެ.
ގުރުއާންގެ އާޔަތް ނުބައިކޮށް ކިޔާފައި ވަނީ ގަސްތުގައި ކަމަށްވާ ނަމަ އެކަމާ ތައުބާވުމަށް ވެސް އެ ޕާޓީން ވަނީ ރަޝީދު އަށް ގޮވާލައިފަ އެވެ.
"އެފަދަ ކަންތައް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރި ވަމެވެ. އަދި އެއީ ގަސްދުގައި ކުރައްވާފައިވާ ކަމެއް ނަމަ، އެކަމަށް ތައުބާވެލެއްވުމަށް ވެސް ގޮވާލަމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ރަޝީދުގެ ވާހަކައިގައި ގުރުއާނުގެ އާޔަތެއްގެ އެއްބައި ކިޔައި، އޭގެ މާނައޮޅޭ ގޮތަށް ކިޔާފައިވާ ކަމަށާއި އެއީ އިލްމުވެރިންގެ އަގުވައްޓާލުމަށް އޭނާ ކޮށްފައިވާ ކަމެއް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
އަދާލަތުގެ ތުހުމަތާ ގުޅިގެން އިބްރާހީމް ރަޝީދުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.