ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރާ ފްރަންޓްލައިން މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީ އިން ކުރި އިއުލާނުގައިވާ މައުލޫމާތު ކަރުދާހުގައިވާގޮތުންް ސިންގަލްރޫމް، ލޯންޑްރީ އާއެކު ދުވާލަކަށް ދައްކާނީ 630 ރުފިޔާ އެވެ. ހަމައެކަނި ރޫމް ނަމަ 500 ރުފިޔާ އެވެ.

ފުލްބޯޑު ނަމަ ދުވާލަކަށް 750 ރުފިޔާ، ފުލްބޯޑު ޝެއަރިން ނަމަ ދުވާލަކަށް 900 ރުފިޔާ އަދި ކޮޓަރިއަކަށް ކޮންމެ ދުވަހަކު 1.5 ލީޓަރުގެ ދެ ފެންފުޅި ފޯރުކޮށްދެން ވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ހެނދުނާއި ރޭގަނޑު އަދި މެންދުރުގެ ކެއުން އެ ހޮޓެލް ނުވަތަ ގެސްޓްހައުސް އަކުން ފޯރުކޮށްދޭނަމަ، ކެއުން ދެވޭނެ އަގާއި ދުވާލަކަށް ބޮލަކަށް ނަގާނެ ރޭޓް އެނގެން އޮންނަން ވާނެ ކަމަށް އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ކޮޓަރީގައި ތިބޭ މުވައްޒަފުންނަށް ތުވާލި، ބެޑްޝީޓް، ބާލީސްއުރަ ފަދަ ތަކެތި ފޯރުކޮށްދޭނީ ހޮޓަލުން ކަމަށާއި އަދި މިގޮތަށް ކޮޓަރީގެ ތުވާލި، ބެޑްޝީޓް، ބާލީސްއުރަ ފަދަ ތަކެތި މަދުވެގެން ހަފްތާއަކު އެއް ފަހަރު ބަދަލުކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ.

އަދި ކޮޓަރީގައި މުވައްޒަފުން ތިބޭ މުއްދަތުގައި ކޮޓަރިތައް ހަފްތާއަކު މަދުވެގެން ދެ ފަހަރު ކުނިކަހާ ސާފުކޮށްދޭންވާނެ ކަމަށާއި ކޮޓަރިތަކުގެ ފާހާނާތައްވެސް ސާފުކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ.

އެޗްއީއޯސީގެ މުވައްޒަފުންނަށް އެކޮމޮޑޭޝާން ފޯރުކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދޭން ނިންމާފައިވަނީ އެންމެ ގިނަ ކޮޓަރި ހުށަހަޅާ ފަރާތަށް ގިނަ ޕޮއިންޓް ލިބޭގޮތަށެވެ.

އެކޮމޮޑޭޝަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް 30 އިން ފެށިގެން ސެޕްޓެމްބަރު ހަތެއްގެ ކުރިން މައުލޫމާތު ކަރުދާސް ހުށަހެޅުުމަށް ވަނީ ހުޅުވާލައިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރ ވަނަ ދުވަހުގެ މެންދުރު 13:00 ގައި ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (ދަރުބާރުގެ) ގައި ކަމަށް އިއުލާނުގައިވެއެވެ.

އެޗްއީއޯސީގެ މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން އެންއީއޯސީ އޮތްއިރުވެސް އެތަނުގެ ފްރަންޓްލައިން މުވައްޒަފުންނަށް ވަނީ އެކޮމޮޑޭޝަން ހަމަޖައްސައިދީފައެވެ.