28 Aug 2020, 10:05
އައްޑޫ ސިޓީ ކައުންސިލްގެ ހުއްދަ ހޯދުމަކާ ނުލައި، އެ ސިޓީގެ އެއްވެސް އަވަށެއްގެ ގޮނޑުދޮށްތަކުގައި ބީޗު ހެދުން މަނާކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫގެ އެކި އަވަށްތަކާއި އެއަވަށްތަކާއި ގުޅިފައިވާ ގޮޑުދޮށްތައް ކުނިކަހައި ސާފުކޮށް ބޭއްވުމަށްޓަކައި ޖަމިއްޔާ ޖަމާއަތްތަކާއި އައްޑޫގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަކީ ކައުންސިލުން އަބަދުވެސް ތަރުހީބުދޭ އަދި އެކަމަށް ބާރުއަޅާ ކަންތައްތައް ކަމަށެވެ.
އެހެންނަމަވެސް ފަހަކަށްއައިސް ކައުންސިކްގެ ހުއްދަ ނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ގާނޫނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންތައްތައް ކަމަށެވެ.
"އެހެންކަމުން މިފަދަ މަސައްކަތް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވަމެވެ." އެ އިއުލާނުގައިވެ އެވެ.
އޭގެ އިތުރުން، ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިގްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށް ފަހުގެ މަރުހަލާގައިވާ ތަނެއް ކަމަށް ވެސް އިއުލާނުގައިވެ އެވެ.
"އެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށް ވާތީ މި ސަރަޙައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވަމެވެ." އިއުލާނުގައިވެ އެވެ.
ސިޓީ ކައުންސިލުން ބުނީ އެ އެންގުމަ ހިލާފުވާ ފަރާތްތަކާމެދު ލާމަރުކަޒީ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ކައުންސިލުން މިފަަ އެންގުމެއް އަންގާފައި މިވަނީ، އައްޑޫ އަވަށްތަކުގައި ފޯރިއާއެކު ބީޗު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.