ޝަންހާއީ/ބީބީސީ (އޯގަސްޓް 27)--- ޗައިނާގެ ސިއްހީ ހިދުމަތްތެރިންނަށް މިދިޔަ މަހުން ފެށިގެން ކޮވިޑް ވެކްސިން ދެމުންގެންދާ ކަމަށް ޗައިނާގެ ސީނިއާ ހެލްތު އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ނެޝެނަލް ހެލްތު ކޮމިޝަންގެ އިސް ބޭފުޅެއް ކަމަށް ޖެންގް ޖޮންގްވެއި އެގައުމުގެ ދައުލަތުގެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިމެޖެންސީ ހާލަތުގައި ސަރުކާރުން މިހާރު ދީފައިވާ ބަރުތަކާ އެކު މިހާރު ތަހުލީލްކުރަމުންދާ ވެކްސިން އެގައުމުގެ ބޯޑަރު ސަރަހައްދުތަކުގައި ދިނުމުގެ ހުއްދަ އެބައޮތް ކަމަށެވެ. އަދި އެ ވެކްސިން ޑިސެމްބަރު ހިސާބު ބާޒާރަށް ނެރެވޭވަރު ވާނެ ކަމަށެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރުނު ކަމަށް ބެލެވެނީ ޗައިނާގެ ވޫހާންއިން އެވެ. ނަމަވެސް ފަހުން އެގައުމުގައި އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު ވަނީ ބަލި ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް އަދި ވެސް އެގައުމުގެ ބޯޑަރު ސަރަހައްދުތަކުން ބަލި ކޮންމެވެސް ވަރަކަށް ފެނެ އެވެ.

ޗައިނާއިން މިހާރު ކޮވިޑަށް ހަ ވައްތަރެއްގެ ވެކްސިނެއް ދަނީ ޓެސްޓްކުރަމުންނެވެ. ނަމަވެސް ގައުމުގައި ބަލި ކޮންޓްރޯލް ވެފައިވާތީ ޗައިނާ އިން ބޭނުންވާ މިންވަރަށް އެ ވެކްސިން ކްލިނިކަލް ޓްރަޔަލްތަކެއް ކުރިއަކަށް ނުގެންދެވެ އެވެ. އެހެންކަމުން ޗައިނާ އިން މިހާރު ދަނީ އެހެން ގައުމުތަކުގައި އެ ވެކްސިންތައް ޓެސްޓްކުރަމުންނެވެ.

ދާދި ދަހުން ޗައިނާ އިން ޕަޕުއާ ނިއުގީނިއާގައި ހިންގާ މައިނިން ކުންފުންޏެއްގައި މަސައްކަތްކުރާ މީހުންނަށް ހުއްދަ ނެތި ވެކްސިންދޭ ކަމަށް ބުނެ ޗައިނާގެ މަސައްކަތު މީހުންތަކެއް ޕަޕުއާ ނިއުގީނިއާއަށް އެތެރެވުންވެސް ހުއްޓުވިއެވެ.-- ބީބީސީ--