ކޮވިޑް19ގެ ބަލިމަޑުކަމާއިއެެކު ސްކޫލްތަކުގެ ރަސްމީ ކިޔެވުން އެއްކޮށް ހުއްޓާލިތާ ފަސްމަސް ވަނީ އެވެ. ދެ ހަފްތާއެއްހާ ދުވަހު ހަތަރު ދުވަހަށް، ހަތަރު ގަޑިއިރު ސްކޫލްގައި ސާނަވީ ގްރޭޑްތަކަށް ކިޔަވައިދިނަސް، ރަނގަޅަށް އެކަމުގެ ތެރެއަށް ނުވަދެވެނީސް އެ ދޮރުތައް އަނެއްކާވެސް ބަންދުކުރަން ޖެހުނީ އެވެ. ބަލީގެ ނުރައްކާތެރިކަމުގެ ރަނގަބީލުގެ އަޑު މާ ގަދަވީ އެވެ.

އެހެން ނަމަވެސް، މި ހައްސާސް ވަގުތުގައިވެސް މެދުކެނޑުމެއް ނެތި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިންނާއި، މުދައްރިސުން އަވަދި ނެތި ދަނީ ކުރަމުންނެވެ.

ސްކޫލެއްގެ ހަތަރު ފާރުގެ ތެރޭގައި ކުރީން ކިޔެވި ކިޔެވުން ޑިޖިޓަލައިޒްވެ ވާޗުއަލް ދުނިޔެއަކަށް މަރުހަބާ ކިޔައިފި އެވެ. ކުރިންނަމަ މުދައްރިސުންނަކީ ދެވަނަ މަންމަ އެވެ. މިއަދު މަންމަ އާއި ބައްޕަ ވެސް ބަދަލުވާން ޖެހިފައި ވަނީ މުދައްރިސުންނަށެވެ.

އާ ކަމެއް، އާ ތަޖުރިބާއެއް

ވާޗުއަލްކޮށް ނުވަތަ އޮންލައިންކޮށް ކިޔެވުމަކީ މީގެ ކުރީން މާ ގިނަ ދިވެހިން ތަޖުރިބާކޮށްފައިވާ ކަމެއް ނޫނެވެ. އެހެން ކަމުން ޅަފަތުގައި އޮތް މި ބޮޑު ޕްރޮޖެކްޓަށް ހޭލުންތެރިކަމާއި، ފަންނާއި، ރިސޯސް ބޭނުންވެ އެވެ. މިގޮތުން އެންމެ ފުރަތަމަ ދަރިވަރުންގެ ކިޔެވުމަށް ރާވާ އިންތިޒާމް ކުރީ ޓެލިކިލާސް ތަކެކެވެ. އެކި ޗެނަލްތަކުން ވަކި ގަޑިތަކަކަށް ބަހާލައިގެން މި ކްލާސްތައް އެންމެ ފުރަތަމަ ނަގަމުންދިޔައީ ޓީވީ ސްޓޭޝަންތަކުގެ ސްޓޫޑިއޯގައި ކަމުގެ ފަންނުވެރިންގެ އެހީއާ އެކު އެވެ.

އެހެންނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވެ، ލޮކްޑައުންއަކާއި ހިސާބަކަށް ދާންޖެހުމުން ޓީޗަރުން ފިލާވަޅުތައް ރިކޯޑްކުރަމުން އައީ އަމިއްލަ ގޭގައި އެ މީހުން އަމިއްލަ އަށެވެ.

އެއަށްފަހު އޮންލައިންކޮށް ގޫގުލް ކްލާސް މެދުވެރިކޮށާއި، ގޫގުލް މީޓްއިން ކުދިންނާއި ބައްދަލުވެގެން ވެސް ފިލާވަޅުތައް ކުރިއަށް ގެންދަން ފެށުނެވެ. އަދި ކީ ސްޓޭޖް ވަންގެ ކުދިންނަށް ގޫގުލް ޑްރައިވް މެދުވެރިކޮށް ބެލެނިވެރިންނަށް ވޯކްޝީޓްތައް ހަވާލުކޮށްގެންވެސް ކިޔެވުން ކުރިއަށް ގެންދިޔަ އެވެ.

މިހުރިހާ މަސައްކަތަކީ ވެސް އާންމު ކްލާސްރޫމަކަށް ޓީޗަރަކު ކުރަންޖެހޭ މަސައްކަތަށްވުރެ ދެގުނަ ނުވަތަ ތިންގުނަ އިތުރު މަސައްކަތްތަކެކެވެ. އެހެން ނަމަވެސް ސުވާލަކީ، މި މަސައްކަތްތަކުގެ ހަގީގީ ފައިދާ ދަރިވަރުންނަށް ލިބޭ ހެއްޔެވެ؟ މިކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާ ހަވާލުވެފައިމިވަނީ މިވަގުތު ބެލެނިވެރިންނާ އެވެ.

އޮންލައިން ކްލާހުގައި ދަރިވަރަކު ބައިވެރިވަނީ-- ސަން/ފޮޓޯ

މޮނިޓާކޮށް ބެލެހެއްޓެންޖެހޭ، ނޫނީ ބޭކާރު ކަމެއް

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަހުމަދު މުޖާހިދު ވިދާޅުވި ގޮތުގައި ކުއްޖެއް އަތަށް އެއްވެސް ބެލެހެއްޓުމެއް ނެތި ޓެބްލެޓެއް ނުވަތަ ލެޕްޓޮޕެއް ހަވާލުކުރުމަކީ ކުއްޖަކު ހަމަ މަގުމައްޗަށް ދޫކޮށްލުން ފަދަ ކަމެކެވެ.

"އެއްވެސް ބެލެހެއްޓުމެއް ނެތި ކުއްޖެއް އަތަށް ޓެބްލެޓެއް ނުވަތަ ލެޕްޓޮޕެއް ދިނުމަކީ އެ ކުއްޖަކު ހަމަ މަގު މައްޗަށް ދޫކޮށްލުން ކަހަލަ ކަމެއް. އަޅުގަނޑުމެންނަކަށް ނޭގޭނެ ދެން އެތަނުން ދިމާވަނީ ކޮން ބަޔަކާ ކަމެއް. ގެންގުޅެނީ ކޮންކަހަލަ ރަހުމަތްތެރިންކަމެއް ވެސް. އެހެންކަމުން ބެލެނިވެރިން މި ގަޑިތަކުގައި ކުދިން ކުރާ ކަންކަން ވަރަށް ގާތުން މޮނިޓާ ކުރަންޖެހޭ،" މުޖާހިދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން އޮންލައިން ކްލާހުގައި ދަރިވަރު އިންނައިރު އޭނާކުރަނީ ކޮންކަމެއްތޯ، ގަޑިއަށް ކްލާހަށް ވަދޭތޯ، ފިލާވަޅުގައި ބައިވެރިވޭތޯ މިއީ ހައްތަހާވެސް ބެލެނިވެރިން ބަލަހައްޓަންޖެހޭ ކަންކަމެވެ.

ފޮތެއް އޮތަކަސް އެދުރެއް ނުވާނޭ ބުނާ ބީދައިން އަދި ކްލާހަށް ވަނުމަކުން މިކަން ނިމުނީ ކީއެއްވެސް ނޫނެވެ. ޓީޗަރުން ނަގައިދޭ ފިލާވަޅުތައް އަޑުއަހައި، ދެއްވާ އިރުޝާދުތަކާއި އެއްގޮތަށް ގަޑިން ގަޑިއަށް ފިލާވަޅުތައް ނިންމުމަށް ދަރިވަރުންނަށް ހިތްވަރުދީ ބާރުއެޅުމަކީ ވެސް މި ދަނޑިވަޅުގައި ބެލެނިވެރިން ކުރުން ވަރަށް މުހިންމު ކަމެކެވެ.

މީގެ ކުރިންނަމަ ކުދިންގެ ފިލާވަޅުތަކާއި އެސެސްމަންޓްތަކާއި ލިބޭ ނަތީޖާ މިހުރިހާ ކަމެއްވެސް މުދައްރިސުން ބަލަހައްޓަމުންދިޔަ އިރު މިއަދު އެ ކަންކުރާނެ ފަދަ ހާލަތެއް ނެތެވެ.

"ސްކޫލްއަށް ގޮސްގެން ކުދިން ކިޔެވިއިރު، މުދައްރިސުން އެބަ ބައްލަވާ ކުއްޖާ އަޑުއަހާތޯ، ފިލާވަޅު ހަދާތޯ، ނޯޓްސް ލިޔާތޯ. އެކަމަކު މިއަދު ވާޗުއަލްކޮށް ކިޔަވާއިރު އެ ޒިންމާ ހަވާލުވެފައި މިއޮތީ ބެލެނިވެރިންނާ. ޓެބްލެޓް ބޭނުންކޮށްގެން ކުއްޖާ ކިޔަވަން އިންނައިރު، ކުއްޖާ ކްލާހުގައި އެންގޭޖުވޭތޯ ބެލެނިވެރިން ޔަގީންކުރައްވަން ވާނެ. ކުއްޖާ ޓެލެކިލާސް ބަލަން އިންނައިރު އެ އިނީ ރަނގަޅަށް ތައްޔާރު ވެގެންތޯ ބަލަންވާނެ" މުޖާހިދު ވިދާޅުވި އެވެ.

އެއާއެކު ކުދިންގެ ޓައިމްޓޭބަލް ރަނގަޅަށް ބަލައި، ޖިސްމާނީގޮތުންނާއި ނަފްސާނީ ގޮތުން ކުދިން ކިޔެވުމުގައި ބައިވެރިވޭތޯ ޔަގީން ކުރުމުގެ މުހިންމުކަން މުޖާހިދު ފާހަގަކުރެއްވި އެވެ. އަދި ހަމައެޔާއެކު، ކުއްޖާ ކްލާހުގައި އިންނަ ތަނަކީ އުނގެނުމަށް ފަހި މާހައުލަކަށް ހެއްދެވުމަށް ވެސް އޭނާ ނަސޭހަތްތެރިވި އެވެ.

މިވަގުތު ވެސް މާލޭގެ ސާނަވީ ގްރޭޑަކަށް ކިޔަވައިދެއްވާ ޓީޗަރަކު ވިދާޅުވިގޮތުގައި އޮންލައިން ކްލާސްތަކަށް ކުދިންގެ ފަރާތުން ލިބޭ ތަރުހީބު ކުޑަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ކުދިން އުގެނުމަށް ކުރާ މަސައްކަތް އޮންލައިންކޮށް ކިޔަވައި ދިނުމުގެ ސަބަބުން ދައްވަނީ އެވެ.

"އަސްލު ކުދިން މަސައްކަތްކުރާ ވަރު ވަރަށް ދަށް. ކްލާހެއްގައި 29 ނޫނީ 30 ކުދިން ތިބޭއިރު ހަޔެއް ނޫނި ހަތް ކުދިން ވެސް ބަރާބަރަށް ފިލާވަޅު ނުނިންމާ. ގޫގުލް މީޓް ކްލާސްތަކުގައި ވެސް ކްލާހެއްގެ ދެބައިކުޅަ އެއްބައި ކުދިން ކިރިޔާ ގިނަ ފަހަރު ބައިވެރިވަނީ. އަދި އެކުދިން ލައްވާ އަނގައިން ބުނުވަން 10 ވަރަކަށް މިނިޓު އެބަ ހޭދަކުރަން ޖެހޭ. އެހެންވީމަ ބެލެނިވެރިން އެބަޖެހޭ އަޅުގަނޑުމެން ޓީޗަރުން މިކުރާ މަސައްކަތަށް އެއްބާރުލުން ދީ ކުދިން ލައްވާ ގަޑިއަށް މަސައްކަތްތައް ނިންމުމަށް ހިތްވަރުދީ ބާރު އަޅަން." ޓީޗަރު ވިދާޅުވި އެވެ.

އޮންލައިން ކްލާހުގައި ދަރިވަރަކު ބައިވެރިވަނީ-- ސަން/ފޮޓޯ

އިންޓަނެޓްގެ މައްސަލަ ބޮޑު

ވާޗުއަލް ކޮށް ކިޔަވައިދިނުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ގިނަ ބެލެނިވެރިން ފާހަގަކުރާ ގޮތުން އިންޓަނެޓެވެ. ސަރުކާރުގެ ފަރާތުން ކޮންމެ ދަރިވަރަކަށް ފަސް ޖީބީ ހިލޭ ޑާޓާ އަދި ޓީޗަރުންނަށް 10 ޖީބީ ޑާޓާ ހިލޭދީފައި ވިޔަސް މިއީ އެންމެ އެކަށީގެންވާ މިންވަރަށް ނުވެދާނެ އެވެ. އެހެން ނަމަވެސް، މިފަދަ ވަގުތެއްގައި މިއީ ގިނަ ފަރާތްތަކަކަށް ކުޑަ ލުޔަކަށްވެ އެވެ. އެހެން ނަމަވެސް، އިންޓަނެޓް ލަސްވުމުގެ މައްސަލަ ބޮޑެވެ.

އެއާއެކު ގިނަ ބެލެނިވެރިންނަކީ މި ދުވަސްތަކުގައި ވެސް އެކިއެކި ވަޒީފާތަކަށް ދާ ފަރާތްތަކަށް ވުމުން، ގިނަ ފަހަރު ޓެލެކިލާހާ ބައެއް އޮންލައިން ގަޑިތަކުގައި ދަރިވަރުންނާއި އެކު ނުހުރެވޭކަން ބެލެނިވެރިން ފާހަގަ ކުރެ އެވެ.

"އިންޓަނެޓްގެ މައްސަލަ ވަރަށް ބޮޑު. ދެން އަޅުގަނޑު ވަޒީފާ އަދާކުރަނީ ފިހާރައެއްގައި، އެހެންވީމަ މިހާރު ދަރިފުޅުގެ ކްލާސްތައް އޮންނަ ގަޑީގައި މި ހުންނަންޖެހެނީ ވަޒީފާގައި. އަޅުގަނޑަށް ހީވަނީ ގަޑިތައް ކަނޑައަޅާފައި އެ އޮންނަނީ ބޮޑަށް ސަރުކާރުގެ ވަޒީފާތަކުގެ ގަޑިއަށް ވެސް ބަލައިގެންހެން،" ކީ ސްޓޭޖް އެކެއްގެ ބެލެނިވެރިއަކު އޭނާގެ ޝުއޫރު ހިއްސާކުރި އެވެ.

ގިނަ ބެލެނިވެރިން ފާހަގަކުރާ އަނެއްކަމަކީ، ގޭގައި ގިނަ ވަގުތުތަކެއް ތިބެން ޖެހުމުން ނަފްސާނީ ގޮތުން ކުދިންނަށް ކުރަމުންދާ އަސަރުތަކަށް އެދެވޭ ލުޔެއް ނުހޯދައިދެވޭ މައްސަލަ އެވެ. މިގޮތުން ކޮންމެ ސްކޫލެއްގައި ވެސް ކައުންސިލަރުން ތިއްބަވާއިރު، ކުދިންނަށް އާންމުކޮށް ސެޝަންތަކެއް ފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކެއް ކިޔެވުމުގެ އިތުރަށް ބާއްވަން އެދޭކަން ބެލެނިވެރިން ފާހަގަކުރެ އެވެ.

"އަޅުގަނޑަށް އެހާ ކަމަކު ނުދޭ ކިޔެވުން ކުރިއަށްދާ ގޮތެއް. އެންމެ ކުޑަ ގްރޭޑްތަކުގެ ކުދިންގެ ގިނަ ފިލާވަޅުތައް ހަދަން މިޖެހެނީ ގިނަފަހަރު ބެލެނިވެރިން. ކުދިންނަށް އެކަނި ނުހެދޭ، ވަރަށް ގިނަ ބޮޑެތި ފިލާވަޅުތައް މިދެނީ. އަނެއް ކޮޅުން ގްރޭޑް 10 ގެ ކުދިންގެ ކިޔެވުން މިއޮށް ދަނީ ހަމަ އެއް އަހަރު.. ދެން ކުދިން ގޭގައި ތިބެތިބެ ހުންނަނީ ބޯ ގޮވާފައި. އެހެންވީމަ އޮންލައިންކޮށް ވިޔަސް ސެޝަންއެއް ނަގައިދޭން އަޅުގަނޑަށް ވަރަށް ފެނޭ. ކުދިން މޯޓިވޭޓް ކޮށްދޭން. ކުދިންނަށް ހާއްސަކޮށްގެން އެކަހަލަ ކަމެއް ކުރަންވީ،" ބެލެނިވެރިއަކު އޭނާގެ ހިޔާލު ހިއްސާކުރި އެވެ.

އެންމެ މުހިންމު ކަމަކީ، ގޭގައި ކުދިންނާ އެކީ ހޭދަ ކުރެވޭ ވަގުތުކޮޅުގައި ކިޔެވުމުގެ ކަންކަން ކުރިއަށްދާ ގޮތް ބަލައި ކުދިންނަށް ފިލާވަޅުތައް އެނގޭ މިންވަރު ދެނެގަތުމެވެ. ބެލެނިވެރިން ވެސް އެކަމަށް ފަރިތަވާންވީ އެވެ.

މުހިންމީ ގަޑިން ގަޑިއަށް ކަންކަން ކުރުމަށް ބާރު އެޅުން

ހަމައެޔާއެކު މިކަމުގައި ވަކި މިންގަނޑުތަކެއް ނުވަތަ އުސޫލުތަކެއް ބެލެނިވެރިން ގެންގުޅުން މުހިންމެވެ. ދަރިފުޅު ލައްވާ އެންމެ ފުރަތަމަ ފިލާވަޅު ނިންމުމަށް މާ ބޮޑަށް މަޖުބޫރުކޮށް، ނުވަތަ ރަނގަޅަށް ދޭހަ ނުވަނީސް ވެސް ގަދަ ބާރުން އެނގޭގޮތަކަށް ފިލާވަޅު ހަދާފައި ސަބްމިޓްކުރުމަށް ޕްރެޝަރު ކުރުމަކީވެސް އެދެވޭ ގޮތެއް ނޫނެވެ.

އަދި ބައެއް ބެލެނިވެރިންނަކީ ހުރިހާ ވަގުތެއްގައި ކުދިންނާ އެކީ ނުތިބެވޭ ފަދަ ފަރާތްތަކަށްވެސް ވެދާނެ އެވެ. ނޫނީ ކުދިންނަށް ކިޔަވައިދޭ ހުރިހާ ފިލާވަޅެއް ބެލެނިވެރިޔާއަށް އެނގުމަކީވެސް މުހިންމުކަމެއް ނޫނެވެ.

މުހިންމީ ދަރިފުޅު ލައްވާ މިކަންކަން ކުރުވުމެވެ. ޝައުގުވެރިކުރުވާ، ހިތްވަރުދީ އެކަށީގެންވާ ފަދަ މާހައުލެއް ގޭތެރޭގައި ހޯދައިދިނުމެވެ.

މާލޭ ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ، ކޮންމެ ދަރިވަރަކަށްވެސް "ރޫޓިން" އެއް ޝެޑިއުލެއް ގެންގުޅުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ރެގިއުލާކޮށް ރޫޓިންތަކުގައި ކުދިން ތިބޭކަން ޔަގީންކުރުން. މިސާލަކަށް ނިދާ ހޭލައިގެން އެދުން ތެދުވާގޮތަށް އޮންލައިން ކްލާހުގައި އިށީނުމުގެ ބަދަލުގައި ވަގުތު އޮއްވާ ތެދުވެ، ފެންވަރައި ނަލަވެ ސައިބޮއެގެން ކްލާހުގައި ބައިވެރިވުން މުހިންމު. އޭރަށް ކުދިންވެސް އިތުރަށް މޯޓިވޭޓްވެ، ޝައުގުވެރިވެ ފިލާވަޅަށް ދޭންޖެހޭ ސަމާލުކަންވެސް އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ހަ ގަޑިއިރު ސްކޫލްގައި ކިޔަވަމުންދާއިރު ވަކި ތަރުތީބަކުން ކަންކަން ކުރާހެން، މިއަދު ގޭގައިވެސް ގެންގުޅެންވީ މިފަދަ ތާވަލެކެވެ. ކްލާސް ގަޑިތަކާއި، ކުޅޭ ގަޑިތަކާއި، ފިލާވަޅު މުތާލިއާކޮށް ނިންމުމަށް ހޭދަކުރާ ވަގުތުތަކާ އަދި ހުސް ވަގުތުތައްވެސް ހިމަނައިގެނެވެ.

މިފަދައިން ކުރިއަށްދާނަމަ، ކުދިންނަށް މިއީ ބޮޑު ޗުއްޓީއެއްހެން ހީނުވެ، ކިޔެވުމަށް ސަމާލުކަންދެވި، މި ދުވަސްވަރުގައި ވެސް ދުޅަހެޔޮ ދިރިއުޅުމެއް އުޅެން މަގުފަހިކޮށްދޭނެ އެވެ.