29 Aug 2020, 08:45
ޖަރުމަނުގައި އުޅޭ ކަޝްމީރު މީހުންނަށާއި ސިކުންގެ ދީނުގެ މީހުންނަށް ފާރަލިކަމުގެ ތުހުމަތުގައި އިންޑިއާގެ ޖާސޫސެއް ކަމަށް ބެލެވޭ މީހެއްގެ ޝަރީއަތް އެގައުމުގެ ފްރޭންކްފުޓް ކޯޓެއްއި ފަށައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބަލްވީރު ސިންގު،54، އަކީ އިންޑިއާގެ ޖާސޫސީ އިދާރާ ރިސާޗް އެންޑް އެނެލިސިސް ވިންގްއަށް 2015 އިން ފެށިގެން ޖާސޫސް ކުރަމުންގެންދާ މީހެއް ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖަރުމަނުގައި ދިރިއުޅޭ އިންޑިއާ ދެކޮޅު ސިކުންގެ ފަރާތްތަކާއި ކަޝްމީރުގެ މީހުންގެ މައުލޫމާތު ހޯދުން ހިމެނެ އެވެ. އެ މައުލޫމާތުތައް ފޯރުކޮށްދެމުން ގެންދިޔައީ ޖަރުމަނުގެ ފްރެންކްފޫޓްގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓަށެވެެ.
އެ މައްސަލަ ޖަރުމަނުގެ ރީޖަނަލް ކޯޓެއްގައި ޝެޑިއުލްކުރުމުގެ ކުރިން 10 އަޑުއެހުން ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ މައްސަލަ އަންނަ އޮކްޓޫބަރުމަހު 10ގައި ނިންމާނެ އެވެ.
މީގެ ކުރިން މިދިޔަ އަހަރު ޑިސެމްބަރު މަހު ވެސް ވަނީ ސިކުންނާއި ކަޝްމީރުގެ މީހުންނަށް ޖާސޫސްކުރުމުގެ ކުށުގައި އިންޑިއާގެ ދެމަފިރިއެއްގެ މައްސަލަ ހަމަ އެ ކޯޓުން ބަލައި ހުކުމްއިއްވައިފަ އެވެ. އެ މައްސަލައިގައި ދެމަފިރިންގެ ތެރެއިން ފިރިހެއް މީހާއަށް 18 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އަންހެން މީހާ ޖޫރިމަނާކުރި އެވެ.
ޖަރުމަނު ވިލާތުގެ ފްރޭންކްފޫޓް ސަރަހައްދުގައި ސިކުންގެ 20،000 މީހުން ދިރިއުޅެއެވެ.
މީގެ ކުރިން ޕާކިސްތާނުން ވެސް ވަނީ އެގައުމުގައި ޓެރެރިސްޓް ހަމަލާތައް ދިނުމުގައި އިސްކޮށް އުޅުނު ރޯގެ ޖާސޫސެއް ހައްޔަރުކޮށްފަ އެވެ. އެ ޖާސޫސު މިހާރު ވެސް ހުރީ ހައްޔަރުގަ އެވެ.