ވޮޝިންޓަން (ޖަނަވަރީ 12) : އެމެރިކާގެ އިސްތިޢްމާރީ ބާރުތައް އަފްޣާނިސްތާނުން ބޭރުކޮށްލަން މަސައްކަތްކުރާ ތާލިބާން ހަނގުރާމަވެރިންގެ ބައެއް މީހުން މަރާލުމަށްފަހު އެމިހުންގެ ހަށިތަކަށް، އެމެރިކާ ސިފައިންގެ ބަޔަކު ކުޑަކަމުގޮސްފައިވާ މައްސަލައެއް ބޭޒާރުވެއްޖެއެވެ.

އެމެރިކާގެ މެރީންޒް ސިފައިންގެ ކޮމާންޑުން ވަނީ މިމައްސަލަ ތަޙްޤީޤް ކުރަމުންގެންދާކަން މިއަދު ކަށަވަރުކޮށްދީފައެވެ. މެރީންޒް އިން ނެރުނު ބަޔާނެއްގައި މިއީ އެމެރިކާ ސިފައިންގެ އަޚްލާޤުން ބޭރުކަމެއްކަމަށްބުނެ މިކަން ތަޙްޤީޤްކުރަމުން ގެންދާ ކަމަށާއި ޔޫ ޓިއުބާއި އިންޓަރނެޓްގެ އެހެންސައިޓްތަކުން ފެންނަންހުރި މިކަމާބެހޭ ވީޑިޔޯއާއި ފޮޓޯތަކަކީ ސައްޙަ ފޮޓޯތަކެއްކަން އަދި ނޭންގޭ ކަމަށް ބުނެފައިވެއެވެ.

ތާލިބާނުންގެ ބައެއްމީހުން މެރުމަށްފަހު އޭގެތެރެއިން 3 މީހެއްގެ މަރުވެފައިވާ ހަށިތަކަށް އެމެރިކާ ސިފައިންގެ ބަޔަކު ކުޑަކަމުދިޔަ މައްސަލައަކީ ޢިރާޤުގެ އަބޫޣުރައިބު ޖަލުގައި 2004 ވަނަ އަހަރު އެމެރިކާ ސިފައިން ހިންގި އިންސާނިއްޔަތާ ޚިލާފު ޢަމަލުތައްފަދަ އެމެރިކާ ބޭޒާރުވެގެންދިޔަ ޖަރީމާއެއްކަމަށް މަދަނީ ޙައްޤުތަކަށް މަސައްކަތްކުރާ އެމެރިކާގެ މުސްލިމުންގެ ޖަމްޢިއްޔާއިން ބުނެއެވެ.

މިޖަމްޢިއްޔާއިންވަނީ މުސްލިމުންގެ މަރުވެފައިވާ ހަށިތަކުގެ ޙުރްމަތް ކެނޑި މިމައްސަލަ ބަލައިދިނުމަށާއި މިއީ އެމެރިކާ ސިފައިންގެ ބައެއްމީހުންގެ ހިތްތަކުގައި މުސްލިމުންނާމެދު ޙަސަދައާއި ނަފްރަތު އުފެދިފައިވާ މިންވަރު ހާމަވާކަމެއް ކަމަށް ސިފަކޮށް ބަޔާނެއް ނެރެފައެވެ. އެމެރިކާގެ މުސްލިމުންގެ ޖަމްޢިއްޔާއިންވަނީ މިކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ބެނެޓާއަށް ސިޓީއެއްވެސް ފޮނުވާފައެވެ.

އެމެރިކާ ސިފައިން ހިންގި ކަމަށްބެލެވިފައިވާ މިޢަމަލުތަކުގެ ސަބަބުން މުސްލިމުންގެ ނުރުހުމާއި ނަފްރަތު އެމެރިކާއަށް އަމާޒުވުމުގެ އިތުރުން ދުނިޔޭގައިވެސް އިތުރަށް އެމެރިކާގެ އަގުވެއްޓި އެމެރިކާގެ ޤަދަރު، ޣައިރު މުސްލިމުންގެ މެދުގައިވެސް އިތުރަށް ވެއްޓިގެންދާނެ ކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ގެ ތަރްޖަމާން ކެޕްޓަން ޖޯން ކެރިބީ ވަނީ މިފޮޓޯތަކާއި ވީޑިޔޯގެ ސަބަބުން އެމެރިކާ ކަންބޮޑުވެފައިވާ ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.

މިމައްސަލަ ބޭޒާރުވެފައިމިވަނީ ޢިރާޤުގެ އަލްޙުދައިޘާ އަވަށުގެ ޢާއިލާއެއް ދިރިއުޅޭ ގެއަކަށް އެމެރިކާ ސިފައިންގެ ބަޔަކު ރޭގަނޑު ވަދެ އެޢާއިލާގެ އަންހެނުން ރޭޕްކުރުމަށްފަހު މަންމައާއި ބައްޕައާއި ތުއްތުކުދިން ހިމެނޭގޮތަށް ޢާއިލާގެ އެންމެން މަރާލައި އެމީހުންގެ ހަށިތަކުގައި ހުޅުޖަހައި އަންދާލި ޖަރީމާއަކާބެހޭ އިތުރު މަޢްލޫމާތު ބޭޒާރުވެފައިވަނިކޮށެވެ.
މީގެއިތުރުން މިމައްސަލަ ބޭޒާރުވެފައިމިވަނީ ޤަތަރު މެދުވެރިއަކަށްވެގެން ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތަކެއް އަންނަ ހަފްތާގައި ފެށުމަށް އެމެރިކާއާއި އަފްޣާން ސަރުކާރުން ތައްޔާރުވަމުން ގެންދާ ދަނޑިވަޅެއްގައެވެ. -- ރޮއިޓާސް