މިއަދު ރާއްޖެއިން 104 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 2،610 އަކަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 76 ދިވެހިންނާއި 28 ބިދޭސީންނެވެ.

ބިދޭސީންގެ ތެރޭގައި ހިމެނެނީ، 22 ބަންގްލަދޭޝް މީހަކާއި ފަސް އިންޑިއާ މީހުންނާއި ނޭޕާލް މީހެކެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭޭގައި ހިމެނެނީ، މާލެ ސަރަހައްދުން 102 މީހަކާއި އަތޮޅު ތެރެއިން ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 7،329 އަށް ވަނީ އަރާފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 4،691 އެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 130 މީހުން ހިމެނެއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 180 އެވެ. ބަލި ޖެހިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައިވާ ވަނީ، 1،434 އެވެ. މިހާތަނަށް ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ.