އިންތިގާލީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއް ވިޔަސް އަދި މިހާރު އޮތް ދާއިމީ އިލެކްޝަންސް ކޮމިޝަނަރެއް ވިޔަސް ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކޮށްފައި ނުވާނެ ކަމަށް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ އެއްވެސް އިރެއްގައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ބިރުދައްކައިގެން ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އެފަދަ ވާހަކައެއް ކޮމިޝަނުން އެއްވެސް އިރެއްގައި ހާމަކޮށްފައި ވެސް ނުވާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ކޮމިޝަން، އިންތިގާލީ ކޮމިޝަނެއްގެ ގޮތުގައި އޮތް އިރު ނައިބު ރައީސަކަށް ހުންނެވި އަހުމަދު ޝާހިދު، މަގާމުގައި ހުންނަވައިގެން ގާނޫނާއި ގަވާއިދާ ހިލާފަށް ބާރުގެ ބޭނުންކުރައްވައި މުވައްޒަފުންނަށް ބިރުދައްވައިގެން ޕާސްވޯޑް ހޯއްދަވައި ވޯޓްލާ މީހުންގެ ލިސްޓް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު އިލެކްޝަންސް ކޮމިޝަނާ ހަވާލާދީ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ދޮގެއް ކަމަށާއި އެކަމާ ކޮމިޝަނުން ހިތާމަކުރާ ކަމަށެވެ.

އަދި ބުނަނީ ކޮމިޝަންގެ ޑާޓާބޭސް އަށް ވެދެވަޑައިގެންނެވުމަށް ޕާސްބޯޑް ހޯއްދަވަން މުވައްޒަފުންނަށް ބިރުދެއްކަވަން ޝާހިދުއަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ އަށް އޭރު ޕާސްވޯޑެއް އޮންނާނެ ކަމަށެވެ. އަދި ކޮމިޝަނުން އަމަކުރާ ގޮތަކީ އެއްވެސް މެމްބަރަކު ނުވަތަ މުވައްޒަފަކު ވެސް މަގާމު ދޫކުރައްވައި ވަޑައިގަންނަވާ އިރު ޕާސްވޯޑް ބްލޮކް ކުރުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައި ބުނަނީ އެ ބަޔާނަކީ ކޮމިޝަނާ މެދު ސަލީމު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ދޮގު ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ނެރުއްވި ބަޔާނެއް ކަމަށެވެ.