ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް އެޅުމަށް ހަމަޖެހިފައިވާ އާ އިމާރާތަށް ބޭނުންވާ ބިން، ކުޅުދުއްފުށީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލުން ވަނީ އެ އިމާރާތް ކުރުމަށްޓަކައި 130،493 އަކަފޫޓުގެ ބިމެއް ދީފައެވެ. ކައުންސިލުން ބުނެފައިވަނީ އެ ބިން ހަމަޖައްސާފައިވަނީ ކުޅުދުއްފުށީގެ ހިއްކި ހިސާބުން ކަމަށެވެ.

ކައުންސިލުން ބުނާގޮތުގައި އިމާރާތަށް ބޭނުންވާ ބިމެއް ކަނޑައެޅުމަށް މަޝްވަރާ ފަށާފައިވަނީ ޖެނުއަރީގައެވެ.

އެ މަސައްކަތަށް ސަރުކާރުން ވަނީ 360،000 އަކަފޫޓުގެ ބިމެއް ބޭނުންވާކަމަށް ބުނެފައި ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް ކުޅުދުއްފުށްޓަކީ ޖާގައިގެ ގޮތުން ދަތި ރަށަކަށް ވުމުން އެ އަދަދަށް ބަދަލު ގެންނަން ޖެހުނު ކަމަށް ކައުންސިލުން ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށް 100 އެނދުގެ އާ އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައި އާންމުކޮށްފައެވެ.

އާ އިމާރާތާއެކު ހޮސްޕިޓަލުން ދޭ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ގެންދެވޭނެކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު 30 ޑޮކްޓަރުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި 24 ސްޕެޝަލިސްޓުންވެސް ހިމެނެ އެވެ. ސްޕެޝަލިސްޓުންގެ ތެރޭގައި ކަށީގެ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި. ކާޑިއޮލޮޖިސްޓުންނާއި، އީއެންޓީގެ އިތުރުން ލޮލާއި ހަމުގެ ޑޮކްޓަރުން ހިމެނެ އެވެ. އެ ހޮސްޕިޓަލްގައި މިދިޔަ ޖުލައި މަހުން ފެށިގެން ސީޓީ ސްކޭންގެ ހިދުމަތްވެސް ދަނީ ދެމުންނެވެ.