27 Aug 2020, 19:30
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތައް ރައިސޫލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބަައްލަވައިފިއެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ވަނީ މިދިޔަ މަހުގެ 15ގައި ބޯޑަރު ހުޅުވާފައެވެ. އެއާއެކު ރާއްޖެއަށް ދުނިޔޭގެ އެކި ސަރަހައްދުތަކުން ފަތުރުވެރިން ދަނީ އަންނަމުންނެވެ.
އެއާއެކު އެއާޕޯޓުގައި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެއެވެ.
އެމްއޭސީއެލް އިން މިއަދު ބުނެފައިވަނީ އެއާޕޯޓުން އަޅަމުންދާ ސަލާމަތީ ފިޔަވަޅުތައް ބެއްލެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިންނެވި ކަމަށެވެ.
އެމަނިކުފާނުގެ އަރިހުގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން އެއާޕޯޓުގެ އިތުރުން ސްޓޭކްހޯލްޑަރުން ވަޑައިންނެވި ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ބޯޑަރު ހުޅުވާލައި ރިސޯޓުތައް އޮޕަރޭޓްކުރަން ފަށާފައި ވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތައް ހުޅުވަން ކުރިން ނިންމާފައި އޮތީ އޯގަސްޓު މަހުއެވެ. ނަމަވެސް އަލުން އެ ނިންމުން ރިވިއު ކުރުމަށްފަހު، މި މަހު ގެސްޓްހައުސްތައް ނުހުޅުވަން ވަނީ ނިންމައިފައެވެ.