12 Jan 2012, 16:33
ގއ. އަތޮޅުގައި ބޭސް ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް ގއ. އަތޮޅު ކައުންސިލާއި އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.
ގއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މައްސޫދު އަހުމަދު ވިދާޅުވީ އެ އަތޮޅުގެ ގިނަ ރަށްރަށުގެ މީހުން ސިއްހީ ފަރުވާ ހޯދާ އަތޮޅު ހޮސްޕިޓަލް ހުންނަ ވިލިނގިލީގެ އަމިލަ ދެ ބޭސް ފިހާރައިގެ ތެރެއިން އެއް ފިހާރަ ބަންދުކޮށްފައިވާ ކަމަށެވެ. ދެން ހުރި ފިހާރައިގައި ވެސް އާދައިގެ ބޭސްތައް ވެސް ލިބެން ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާތާ ދެ މަސްވެފައިވާ ކަމަށާއި އޭގެ ސަބަބަބުން އަތޮޅުގެ ހުރިހާ ރަށަކަށް ވެސް އެކަމުގެ ދައްޗާ ކުރިމަތިވެފައިވާ ކަމަށެވެ.
"ބޮޑު ބައްޔެއް ވެގެން ރަށްރަށުން މީހުން މިއަންނަނީ އަތޮޅު ހޮސްޕިޓަށް. އެހެންނަމަވެސް ބޭސް ލިބެން ނުހުންނާތީ އެކަމުގެ ދައްޗާ ހޮސްޕިޓަލަށް އަންނަ އަތޮޅުގެ ހުރިހާ އެންމެން ވެސް ވަނީ ކުރިމަތިލާން ޖެހިފައި. އަދި އަތޮޅުގެ ބައެއް ރަށްރަށުން ވެސް ބޭސް ލިބެމުން ނުދާކަމުގެ ޝަކުވާތައް ލިބޭ،'' މައްސޫދު ވިދާޅުވި އެވެ.
ބޭސް ފިހާރަތަކުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން އަތޮޅު ކައުންސިލަށް ހުށަހަޅަމުންދާ ކަމަށާއި ބޭސް ފިހާރަތައް ހިންގާ ފާރާތްތަކާއި ވާހަކަ ދައްކައިގެން އެ މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަސްއޫދު ވިދާޅުވި އެވެ.
ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފައުޒީ ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަން ދިމާވެފައިވާތާ ދެ މަސް ދުވަސްވެފައިވާ ކަމަށާއި އެގޮތް މެދުވެރިވީ ވިލިނގިލީގައި ހިންގާ އަމިއްލަ ދެ ބޭސް ފިހާރައިގެ ވިޔަފާރިއަށް އައި ބަދަލާއެކު ބޭސް ލިބުން ދަތިވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފައުޒީ ވިދާޅުވީ ހެލްތް ކޯޕަރޭޝަނުންގެ ބޭސް ފިހާރައެއް ވިލިނގިލީގައި ހަދަން މިހާރު އެސްޓިމޭޓަށް ހުޅުވާލާފައިވާ ކަމަށާއި ނަމަވެސް މިހާރުން މިހާރަށްވެސް ބޭސް ބޭނުންވާނެތީ ހޮސްޕިޓަލުގައި ވަގުތީ ގޮތުންވެސް ބޭސް ވިއްކޭނެ ގޮތް ހަމަ ޖައްސަދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ މި މަސް ނިމުމުގެ ކުރިން ވަގުތީ ގޮތުން ހޮސްޕިޓަލުން ބޭސް ވިއްކޭނެ އިންތިޒާމެއް ހަމަޖެއްސޭތޯ،'' ފައުޒީ ވިދާޅުވި އެވެ.