27 Aug 2020, 16:00
ކޮވިޑް19 އަށް ޕޮޒިޓިވް މީހުން 15 ރިސޯޓެއްގައްޔާއި މީހުން ދިރިއުޅޭ 33 ރަށެއްގައި އެބަތިބި ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރިސޯޓުތަކުން 11 ފަތުރުވެރިއަކާއި 15 ސްޓާފަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ރަށްރަށުން ޕޮޒިޓިވްވި މީހުންނަށް ބަލާއިރު، 51 ދިވެހިންނާއި ހަތް ބިދޭސިންނާއެކު ޖުމްލަ 58 ޕޮޒިޓިވް ކޭސް ރަށްރަށުގައި އެބައޮތެވެ. މީގެ ތެރެއިން އައްޑޫ ސިޓީގެ ފޭދޫއިން ޕޮޒިޓިވްވި އެކަކު ފިޔަވާ އެހެން އެންމެންނަކީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމަށް ކުރި ޓެސްޓުން ޕޮޒިޓިވްވި މީހުންނެވެ. ފޭދޫގައި ތިން ކޭސް އޮތްއިރު އޭގެ ތެރެއިން އެކަކަކީ ކޮންޓެކްޓެކެވެ.
ރަށްރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ތިބީ ހޯމް އައިސޮލޭޝަނުގައެވެ. ރ. ދުވާފަރުން ޕޮޒިޓިވްވި 81 އަހަރުގެ މީހަކަށް ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ދަނީ ފަރުވާ ދެމުންނެވެ.
ރޭގެ އިރުއޮއްސި ހަޔަކާ ހަމައަށް ރާއްޖެއިން ޖުމްލަ 7،225 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 2،636 މީހުންނަށެވެ. ހޮސްޕިޓަލުތަކުގައި 162 މީހަކަށް ފަރުވާދެމުންދާއިރު 1،458 މީހުން އައިސޮލޭޝަނުގައި އެބަތިއްބެވެ.
އަދި 4،561 މީހުން ބަލިން ރަނގަޅުވިއިރު މިހާތަނަށް ރާއްޖެއިން ބަލީގައި މަރުވީ 28 މީހެކެވެ.