ގެރެންޓީ ނުނަގާ ވެންޓިލޭޓަރުތައް ގެންނަން ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ ފައިސާ ދުބާއީގެ ކުންފުންޏަށް ދިނުމަށް ފިނޭންސުން ހުއްދައެއް ދީފައި ނުވާނެ ކަމަށާއި އެކަން ކުރަން ޖެހެނީ ހެލްތް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ހަރަދުތަކާ ގުޅިގެން ފަންމަތިވި އެންމެ ބޮޑު މައްސަލައަކީ އެއްވެސް ގެރެންޓީއެއް ނުނަގާ މަސައްކަތުގެ ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ ފައިސާ، 30.91 މިލިއަން ރުފިޔާ ދިނުމަށް ފަހު، 75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒިކިއުޓާޒް ޖެނެރަލްއާ ހަވާލުކުރުމެވެ.

އެ މައްސަލައިގައި މާލިއްޔަތު ކޮމިޓީއަށް މިއަދު ފިނޭންސް މިނިސްޓަރު ހާޒިރުކުރުމުން ދިފާއުގައި ވާހަކަ ދައްކަވަމުން އޭނާ އެ ކޮމިޓީގައި ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ކުއްލިއަކަށް ކުރަން ޖެހޭ އަވަސް ހަރަދުތައް ކުރުމަށް ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން މަސައްކަތްތައް ހަވާލުކުރަން ހުއްދަ ދީފައިވީ ނަމަވެސް، އެ ކަމެއް ހަވާލުކުރަނީ ގާބިލް ބަޔަކާކަން ބިޑްކޮމިޓީއިން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އޮޑިޓުން ހާމަވެފައިވާ މައުލޫމާތުން އެކަން އެ ގޮތަށް ކޮށްފައި ނުވާކަމަށް ފާހަގަވާތީ އެ މައްސަލަ ފިނޭންސުން ވެސް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަގުގެ 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތް ކަމަށް އެޕްރީލް، 1 ގައި ހެލްތުން ފިނޭންސަށް އެންގި ކަމަށެވެ. އަދި އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއިން ރިކުއެސްޓްކުރި ގޮތަށް ޕަބްލިކް ޕޭމަންޓް ސިސްޓަމް މެދުވެރިކޮށް އެ ކުންފުންޏަށް ފައިސާ ދޫކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ވެންޓިލޭޓަރުތައް ރާއްޖެ ޝިޕްކުރުމަށް އަގުގެ 15 ޕަސެންޓަށްވާ ފައިސާ ދައްކަން އެދުމުން، ފަހު ޝިޕްމަންޓާ އެކު އެ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށް ފިނޭންސުން ހެލްތުގައި އެދުނު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ ރެކޮމެންޑެޓް ކުންފުންޏަކަށް ވުމާއި، ވެންޓިލޭޓަރު އަވަހަށް ގެންނަން ޖެހޭތީ އިތުރު ގޮތެއް ނެތް ކަމަށް ހެލްތުން ފިނޭންސަށް މައުލޫމާތު ދިނުމުން އެ ޕޭމަންޓު ވެސް ދޫކުރި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތެއް ކުރުމަށް ހަވާލުކުރާއިރު، ޕާފޯމެންސް ގެރެންޓީ ނުނެގުމަކީ ކޮވިޑްގެ ހާލަތުގައި ވެސް މާލިއްޔަތު ގާނޫނާއި ގަވާއިދުތަކުގެ ދަށުން ދީފައިވާ ލުޔެއް ނޫން ކަމަށެވެ. އެހެންކަމުން ޕާފޯމެންސް ގެރެންޓީ މިވަގުތަށް ވެސް އެ ކުންފުނީގެ އަތުން ނަގަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކަންކަން އަވަސްކުރުމުގެ ގޮތުން ފައިސާގެ ކަންކަމާއި އިދާރީ ކަންކަމަށް ލުއިތަކެއް ދެވުނު ނަމަވެސް. އެހެނިހެން ކަންކަމަށް ބޯލަބަން ޖެހޭނެ. މީގެ ތެރޭގައި މާލިއްޔަތު ގާނޫނުގެ 10.67ގެ [ރ] ގައި ބަޔާންކޮށްފައިވާ ޕޭމަންޓް ގެރެންޓީ ނުނަގާ އޮތުމަކީ ދީފައިވާ ހުއްދައެއް ނޫން. އަދި މިއީ އެ ފަރާތާ އެކު ހެދިފައިވާ އެގްރިމަންޓްގައިވެސް ހިމެނޭ ކަމެއް. އެހެންކަމުން ގެރެންޓީ ނެގުމާ މެދު ފިނޭންސުން ލުއި ދީފައިނުވާތީ އެގެރެންޓީ ހޯދަން ޖެހޭނެ. އަދި މިހާތަނަށް ހޯދާފައިނުވާ ނަމަ، މިހާރުވެސް ގެރެންޓީ ހޯދަން ޖެހޭނެ ކަމަށް ފާހަގަ ކުރަން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ފިނޭންސަކީ ތަހުގީގު ކުރާ މުއައްސަސާއަކަށް ނުވުމުން އަދި މާލީ ކަންކަން މަރުކަޒީ ކުރުމުގެ ބަދަލުގައި ކޮންމެ މިނިސްޓްރީއެއްގައި މާލީ ޒިންމާދާރުވެރިއެއް ބަހައްޓައިގެން އެކަން ކުރަމުން އަންނާތީ ޕަބްލިކް ޕޭމަންޓް ސިސްޓަމްއަށް ފޮނުވާ ރިކުއެސްޓްތަކަކީ މާލިއްޔަތު ގަވައިދުގައި ބުނާ އަދި އެގްރިމަންޓްގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަކޮށް ސިސްޓަމަށް ފޮނުވާ ރިކުއެސްޓްތަކަކަށް ވާން ޖެހޭނެ ކަމަށް މީގެ ކުރިން ސާކިއުލާއަކުން ހުރިހާ އިދާރާއެއްގައި ދަންނަވާފައިވާ ކަމަށެވެ.

އެހެންވެ، ޕާފޯމަންސް ގެރެންޓީ ނެގިކަން ނުވަތަ ނުނަގާކަން ކަށަވަރު ކުރަން ޖެހެނީ ހެލްތުގެ މާލީ ޒިންމާދާރުވެރިޔާ ކަމަށާއި އެއީ ފިނޭންސުން ބަލަން ޖެހޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެގްރިމަންޓަށް ފަހު އޭގެ ދަށުން ފުރިހަމަވާން ޖެހޭ ޕާފޯމެންސް ގެރެންޓީ އާއި އެހެން ކަންކަން ފުރިހަމަވޭތޯ ސިސްޓަމަށް ޕޭމަންޓަށް ރިކުއެސްޓް ކުރުމުގެ ކުރިން ބެލުމަކީ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާއެއް. މި މިނިސްޓްރީއިން އެ ވާހަަކަ 2017/23 އަދި 2011/05ގެ މާލިއްޔަތާ ބެހޭ ސާކިއުލާއިން ވަރަށް ސާފުކޮށް ވަކިވަކިން ބުނެދީފައިވާނެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ޓްރާންސެކްޝަންތައް ސިސްޓަމަށް އަޅައި ޕޯސްޓް ކުރި ފަރާތުން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު އަދި ވިދާޅުވީ، މާލީ ޒިންމާދާރުވެރިން އެ މީހުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ، މާލިއްޔަތު ގަވާއިދުތަކުގައި ވެސް އެކަން އޮތް ގޮތް ކަމަށާއި އެ މީހުންގެ ޒިންމާ އޭގެ ގޮތުގައި އަދާކުރޭތޯ މާލީ ވަޒީރަށް ބެލުމަކީ ވާނޭ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ބިޑް ކޮމިޓީގެ މަސައްކަތްތައް ވެސް އެގޮތަށް ބެލުމަކީ ނުވާނެ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރަނގަޅު ކޮންޓްރޯލްޑް އެންވާރުމަންޓެއް، ޗެންކް އެންޑް ބެލެންސް ނިޒާމެއް ގާއިމްކުރުމަކީ ފިނޭންސް މިނިސްޓަރުގެ ޒިންމާއެއް. މިކަމަށްޓަކައި އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓްގެ މެކޭނިޒަމް ގާއިމްކުރުން މުހިންމު. އަދި ފަންގްޝަން ކުރަމުން އެ ނިޒާމް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ މައްސަލަތައް ބަލާ ކޮމިޓީއެއް މިނިސްޓްރީގެ ތެރޭގައި އޮންނަ ކަމަށާއި އިންޓާނަލް އަދި އެކްސްޓާނަލް އޮޑިޓް ފަންގްޝަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް ކަންކަން ހަރުދަނާ ކުރެވޭނީ ދައުލަތުގެ މާލިއްޔާއާ ގުޅޭ ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރު ކަމާ އެކު މަސައްކަތް ކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.