27 Aug 2020, 12:15
ކޮވިޑް19، ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ.
ރޭ ރާއްޖެ ޓީވީން ގެނެސްދިން "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުސޫމު ވިދާޅުވީ، އެ އޮޑިޓް ރިޕޯޓު އަންމުކޮށްފައިވަނީ އޭނާ މަގާމާ ހަވާލުވި ހަފްތާގައި ކަމަށާއި އެހެން ނަމަވެސް މިހާރު އެ އޮޑިޓް ރިޕޯޓަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.
"މިހާރު މިދަނީ އޮޑިޓް ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން،" މައުސޫމު ވިދާޅުވި އެވެ.
ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން މައުސޫމު ވިދާޅުވިނަމަވެސް، އެއީ ކޮން ފިޔަވަޅުތަކެއް ކަމަށް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މައުސޫމު ވިދާޅުވީ، ރިޕޯޓާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކާ ވެސް ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ސަރުކާރުގައި އިހްލާސްތެރި މީހެއް މަގާމުގައި ނުހުންނައިރު އެ މީހަކު ހިންގާ ކަންކަން ބެލޭނެ ނިޒާމް ހަރުދާނާވެފައިވާކަން މައުސޫމު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ވަރަށް އުފާކުރަން ރާއްޖޭގައި މިހާރު އެބައޮތް ނިޒާމު ގާއިމުކުރެވިފައި. ކޮންމެ ތަނެއްގައިވެސް ހުންނަ މީހާ އަބަދު އިހުލާސްތެރިނުވެދާނޭ. އެހެންވީމަ އިހުލާސްތެރި ނޫން މީހަކު ހުންނަ ވަގުތެއްގައި އެކަންތައް ބެލޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އެބަހުރި،" ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެ ފުރަތަމަ ފަހަރަށް މީޑިއާއަކށް ދެއްވި އިންޓަވިއުގައި މައުސޫމު ވިދާޅުވި އެވެ.
މައުސޫމު ވިދާޅުވީ، އޭނާގެ އަމާޒަކީ ޓޫރިޒަމް މިނިސްޓަރީ އަކީ ކޮރަޕްޝަންގެ ވަކިތަކުން ސަލާމަތްވެފައިވާ ރައްޔިތުން އިތުބާރު ކުރާ މިނިސްޓްރީއަކަށް ހެދުން ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ބައްޓަން ކުރައްވަމުން ގެންދަވާ ކަމަށާއި މިނިސްޓްރީ އަކީ ރާއްޖޭގެ ނަމޫނާ މިނިސްޓްރީއަކަށް ހައްދަވާނެ ކަމަށް މައުސޫމު ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުންވަނީ މުސްތަގުބަލުގައި މީހުން މިހެން ވާހަކަ ދައްކާލާއިރުވެސް، ތުންތުންމަތިން ހޮޅުއަށީގައިވެސް، ޖޯލިފަތީގައިވެސް ކޮފީ ޓޭބަލްވެސް، ޓޫރިޒަމް މިނިސްޓްރީގެ ނަން ބަދަލުކޮށްލައިފިޔޭ މީހުން ބުނުން. ޓޫރިޒަމް މިނިސްޓްރީއަކީ ސާފު މީހުން އިތުބާރު ކުރާ މިނިސްޓްރީއަކަށް ހެދުން،" މައުސޫމު ވިދާޅުވިއެވެ.
ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ހަރަދު ކުރި 26 މިލިއަންގެ ތެރެއިން 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ހަރަދުތަކެއް ކަމަށް ޓޫރިޒަމްގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެހެނިވެސް ވަރަށް ގިނަ އޮޅުވާލުންތަކާއި ކޮރަޕްޝަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.