27 Aug 2020, 12:34
ކޮރޯނާވައިރަސްއާ ގުޅިގެން މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާ ހެދި ކުވެއިތުގެ ސަރުކާރު މުވައްޒަފުންނަށް އަންނަ ނޮވެމްބަރުން ފެށިގެން މުސާރަ ނުދެވިދާނެކަމަށް އެ ގައުގެ ސަރުކާރުން ބުނެފި އެވެ.
ކުވެއިތުގެ ފައިނޭންސް މިނިސްޓަރު ބަރަކް އަލް ޝީތާން ވިދާޅުވީ އެގައުމުގެ ޓްރެޝަރީގެ 6.6 ބިލިއަން ޑޮލަރަށް ވާ ވަރަށް ފައިސާ ލިކުއިޑިޓީގައި ހުރި ނަމަވެސް ނޮވެމްބަރުން ފެށިގެން ސަރުކާރު މުވައްޒަފުންނަށް ދޭން ފައިސާ ނެތް ކަމަށެވެ.
ކޮރޮނާވައިރަސްއާ ގުޅިގެން ދަތުރު ފަތުރަށްއައި ބަދަލާއެކު ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެކަމާ ގުޅިގެން ފައިސާއަށް ޖެހި ކުވެއިތުން ކޮންމެ މަހަކު ދަނީ ޖެނެރަލް ރިޒާވް ފަންޑުން 1.7 ބިލިއަން ޑޮލަރު ނަގަމުންނެެވެ.
ކޮރޯނާއާ ގުޅިގެން ދިމާވި އިގްތިސާދީ ދަތިތައް މެނޭޖްކުރުމުގައި ސަރުކާރު ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ދަނީ ބުނަމުންނެވެ. އެފަދަ ކޮންމެ ކަމަކަށް ގާނޫނު ފާސްކުރަން ޖެހޭއިރު ބޭރުގެ އިދާރާތަކުން ލޯން ނަގަން ސަރުކާރަށް ހުރަސް އަޅަމުންދާކަމަށް ދަނީ ބުނަމުންނެވެ.
އެގޮތުން ސަރުކާރުން ބޮންޑު އިޝޫކުރަން ހުށަހެޅި ޑްރާފްޓުގެ ބިލް މަޖިލީހުން ވަނީ ބޭރުކޮށްލައިފަ އެވެ.
މީގެ ކުރިން 2017 ވަނަ އަހަރު ބޮންޑު އިޝޫކުރަން ހުއްދަ ދިން ފަހުން އިތުރަށް ބޮންޑުވިއްކުން ޕާލިމަންޓުން ހުއްޓުވައިފަ އެވެ. އެ ބޮންޑު އިޝޫކުރުން ނުހުއްޓުވިނަމަ މިހާރު އޮތް ހާލަތަށް ނުވެއްޓޭނެކަމަށް ކުވެއިތުގެ ފައިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. --ބްލޫމްބާގް