ގްރީކުގެ ޓޫރިސްޓް މަންޒިލް މައިކޯނޯސްގައި ޗުއްޓީ ހޭދަކުރިއިރު ހިނގާދިޔަ މާރާމާރީގައި މެންޗެސްޓާ ޔުނައިޓެޑުގެ އިނގިރޭސި ކެޕްޓަން ހެރީ މެގުއާއާ ދެކޮޅަށް ކުރި ދައުވާ އިސްތިއުނާފް ކުރުމަށް އޭނަގެ ލީގަލް ޓީމުން މަސައްކަތް ފަށައިފި އެވެ.

މައިކޯނޯސްގައި ޗުއްޓީ ހޭދަކުރަމުން އައި މެގުއާ މިދިޔަ ހުކުރު ދުވަހު ގްރީސްގެ ފުލުހުން ހައްޔަރުކުރީ ހުކުރު ދުވަހު ނެރުނު ފުލުހުންނާ މާރާމާރީ ހިންގުމާ ގުޅިގެންނެވެ. އެ ދުވަހު ފުލުހުން ނެރުނު ބަޔާނުގައި ބުނީ ފުލުހުންނާ މާރާމާރީ ހިންގުމާ ގުޅިގެން ތިން ފަތުރުވެރިއަކު މައިކޯނޯސް ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ކަމަށެވެ. އެ ތިން ފިރިހެނުން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ ދެބަސްވުމެއް ހިނގުމުން އެ ސަރަހައްދަށް ދިޔަ ފުލުހުންނަށް އެ މީހުން ހުތުރު އެއްޗިސް ކިޔާ އެތަނުން ފުލުހަކު ކޮއްޕާލުމާ ގުޅިގެންނެވެ.

އަދި ޕޮލިސް ސްޓޭޝަން ތެރެއިން ހައްޔަރުކުރަން އުޅުމުން އެކަމަށް ދެކޮޅު ހަދައި، ފަހުން އެތަނުން އެކަކު ފުލުހުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށް ވެސް ގްރީސްގެ ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ތިން މީހުންގެ ތެރޭގައި މެގުއާ ހިމެނޭއިރު، އަނެއް ދެ މީހުންނަކީ މެގުއާގެ ބޭބެ އާއި ރައްޓެއްސެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި މައްސަލަ ސީރޯސް ކޯޓުން ބެލިއިރު، މެގުއާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ސަރުކާރުގެ އޮފިޝަލަކާ މާރާމާރީ ހިންގުމުގެ އިތުރުން ރިޝްވަތު ދޭން އުޅުން ހިމެނެ އެވެ. މި މައްސަަލަ ބެލި ފަނޑިޔާރު ވަނީ މެގުއާ އަށް 21 މަހާއި 10 ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ކޮށްފަ އެވެ.

މެގުއާގެ ވަކީލު ވަނީ މި ހުރިހާ ވާހަކަތަކަށް ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ މައްސަލަ ގޯސްވީ ބާ ތެރޭގައި ތިބި ބަޔަކު މެގުއާގެ ކޮއްކޮއާ ދިމާކޮށް އޭނާ އަށް އަނިޔާކުރުމުން ކަމަށެވެ. އަދި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ފުލުހުން ވަނީ ގަސްދުގައި މެގުއާގެ ފަޔަށް އަނިޔާކޮށްފައި ކަމަށް ވަކީލު ބުނެފައިވެ އެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ފަރާތުން ފެނުނީ ވަރަށް ޕްރޮފެޝަނަލް އުސޫލުތަކާ ހިލާފު އަމަލުތަކެއްކަން މެގުއާގެ ވަކީލު ފާހަގަކޮށްފައިވެ އެވެ. އެހެން ކަމުން މިހާރު އެމައްސަލަ އެޕީލް ކުރުމަށް މެގުއާގެ ލީގަލް ޓީމުން މަސައްކަތް ވަނީ ފަށައިފަ އެވެ.

"ކޯޓުގެ ނިންމުމާ އެކު އަހަރެންގެ ލީގަލް ޓީމުން މިހާރު ވަނީ އިސްތިއުނާފްގެ މަސައްކަތް ފަށާފައި. މިކަމުގައި އަހަރެންގެ ކުށެއް ނެތްކަން ސާބިތު ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް." މެގުއާ ބުނެފައިވެ އެވެ.

އަންނަ މަހުގެ ކުރީކޮޅުގައި އޮތް ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗަށް ނެގި އިންގްލެންޑްގެ ގައުމީ ސްކޮޑުގައި މެގުއާ ހިމެނި ނަމަވެސް، އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު އިނގިރޭސި އެފްއޭގެ ޑިސިޕްލިނަރީ ޕްރޮޓޮކޯލްއާ އެއްގޮތަށް މެގުއާ ވަނީ ޓީމުން ބާކީކޮށްފަ އެވެ.