12 Jan 2012, 13:47
ދިވެހި ދައުލަތަށް 400 މިލިޔަން ރުފިޔާ ގެއްލުންވާ ކަމުގެ ތުހުމަތު ދައުލަތުގެ އެންމެ އިސްވެރިޔާ ތަމްސީލުކުރައްވާ ރައީސްގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވާ ނަމަ އެކަމުގެ ހެކި ސަރުކާރުން ދައްކަން ޖެހޭނެ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ތަމްސީލުކުރައްވާ ފަރާތަކުން، ދިވެހި ސަރުކާރުން އެ ބޭފުޅާގެ މައްޗަށް ތުހުމަތު ކުރައްވާ ނަމަ އެކަން ސާބިތުކޮށްދެއްވުމަކީ އެ ތުހުމަތު ކުރައްވާ ފަރާތެއްގެ ޒިންމާއެއް ކަމަށާއި ނުޙައްޤު ގޮތުގައި ދިވެހި ފަރުދެއްގެ އަބުރު ނަގާލުމަކީ ދިވެހި ދައުލަތުގެ އެންމެ މަތީ އޮފީހުން ކުރެއްވުން އެހާ ރަނގަޅު އަމަލެއް ނޫން ކަމަށެވެ.
"ދިވެހި ކުޑަ ފަރުދަކަށް ވުރެ ދިވެހިސަރުކާރު މާފުދެންވާނެ މާޢަދުލު ވެރިވާންވާނެ މާ އިންސާފަށް ލޯބިކުރަންވާނެ. އަދި އަޅުގަނޑުގެ ގައުމުދެކެ އަޅުގަނޑު ލޯބިވަމޭ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދިވެހިން ކުރަމުން އަންނަ ބާވަތުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ދިވެހިންގެ އަތުން ޖަހައިގަތުމަށް ފަހު ބޭރު މީހުންނަށްދީ އެމީހުންކުރާ އިންވެސްޓްމަންޓްގެ އިނާޔަތެއްގެ ގޮތުގައި އެ ވިޔަފާރިތައް ކުރުމުގައި ދިވެހިންނަށް ބައިވެރި ނުވެވޭ ގޮތަށް ސަރުކާރުން ފުރުސަތު ފަހިކޮށްދިނުމަކީ ދިވެހިން ދެވަނަ ދަރަޖަ އަށް ވައްޓާލުން ކަމަށެވެ.
"އަޅުގަނޑަކީ ރާއްޖެ އަންނަ އިންވެސްޓަރުންނަށް އަޅުގަނޑުގެ އެއްވެސް ރުޅިވެރިކަމެއް ހަސަދަވެރިކަމެއް ބިރެއް ނެތް. އަޅުގަނޑަކީ ޒީނޮފޯބިޔާ ޖެހިފައިވާ މީހެއް ނޫން. އަޅުގަނޑުގެ ހަމައެކަނި ބޭނުމަކީ އަޅުގަނޑުގެ ގައުމަށް އިސްކަންދިނުން. މީހަކު އޭނާގެ އަމިއްލަ ގައުމަށް އިސްކަންދީ އެ ގައުމަށް ލޯބިކުރުމަކީ ފާފައެއް ނޫން. ބޭރު ބިދޭސީން ނަށް ނަފުރަތުކުރުމެއް ވެސް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި ޕްރެސް ސެކްރެޓަރީ ޒުހައިރު ވިދާޅުވީ ނަޝީދުގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ 400 މިލިއަނާއި ކައިރި އަދަދަކަށް ފައިސާ ގެއްލުންވަމުންދާ ކަމަށާއި ނަޝީދައަކީ ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ ބޭރުގެ މީހުންނަށް ހުރި "ވަރަށް ބޮޑު ބިރެއް" ކަމަށެވެ.