14:30


ސަރުކާރު ވައްޓާލެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި، މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހަޅުއްވައިފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް މި މަހުގެ 15 ވަނަ ދުވަހުގެ ރެއާ ހަމައަށް ގޭބަންދުގައި ބޭތިއްބެވުމަށް ހައިކޯޓުން ހުކުމްކޮށްފައި ވަނީ އެކަމުގައި ސާބިތު ހެކިތަކެއް ހުރެގެން ކަމަށް، ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި، ޑރ.އަހްމަދު އަލީ ސަވާދާއި ފިޝަރީޒް މިނިސްޓަރކަން ކުރެއްވި، ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ.ސަވާދު ވިދާޅުވީ، ގާނޫނު އަސާސީއާއި ސަރުކާރު، ރައްޔިތުންގެ މަޖިލީހުން ހިސޯރުކޮށްފައިވާ ކަމަށެވެ. އަދި އެކަމަކީ ގާނޫނުގެ އިންތަކުގެ ތެރެއިން ހިނގާ ކަމެއްތޯ ބަލަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުން ސަރުކާރު ހިންގުމަށް ހުރަސްއަޅާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އެކަމުގެ ބައެއް ތަފްސީލް ވެސް ދެއްވި އެވެ.


ޑރ. އިބްރާހިމް ދީދީ ވިދާޅުވީ، މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމަށް ފާސްކުރި ބިލަކީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދަތިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފާސްކޮށްފައިވާ ބިލެއް ކަމަށެވެ. އަދި ދައުލަތަށް ފައިސާ ލިބޭނެ އެތައް ބިލުތަކެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ބިލުތައް މަޖިލީހުގެ ތަޅުމަށް ގެނެސްފައިނުވާ ކަމަށް ވެސް ޑރ.ޑީޑީ ތުހުމަތު ކުރެއްވި އެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލަކީ، މާލިއްޔަތު ކޮމިޓީގައި އޮތް ބިލެއް ކަމަށާއި، އެ ބިލް ފާސްވެއްޖެނަމަ އެންމެ ބޮޑު ޓެކްހެއް ދައްކަންޖެހޭނީ، އެ ކޮމިޓީގެ މުގައްރިރަކަށް އިންނެވި ގާސިމް އިބްރާހިމްކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވަނީ އަމިއްލަ މަސްލަހަތައް ބައްލަވައިގެން ކަމަށް ވެސް ޑރ.ޑީޑީ ވިދާޅުވި އެވެ.