27 Aug 2020, 09:05
ވެލިންޓަން (އޮގަސްޓް 27) : 2019 ވަނަ އަހަރު ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް ޙަމަލާދީ ގަތުލު އާންމު ހިންގި އޮސްޓްރޭލިޔާ މީހާ ބްރެންޓޮން ޓަރެންޓް ގެ މައްޗަށް ކުށް ސާބިތުވުމުން އޭނާ އުމުރަށް ޖަލަށްލުމަށް ނިއުޒިލޭންޑްގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ބްރެންޓޮން ހިންގި ގަތްލުއާންމުގެ މައްސަލަ ބެލި ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ދުރާލައި ރާވައިގެން ދެ މިސްކިތަކަށް ޓެރަރިސްޓް ހަމަލާތަކެއްދީ 51 މީހުން މެރިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމުގައެވެ. މި ކުށް ސާބިތުވުމުން ބްރެންޓޮންގެ މައްޗަށް އިއްވާފައިވަނީ ދުވަހަކުވެސް މައާފު ނުދެވޭގޮތަށް އޭނާގެ މުޅި އުމުރަށް ޖަލަށް ލުމުގެ ހުކުމެވެ.
ބްރެންޓޮން ގެ މައްޗަށް 51 މީހުން މެރިކަމުގެ ތުހުމަތާއި 40 މީހަކު މެރުމަށް ރޭވިކަމުގެ ތުހުމަތާ އަދި ޓެރަރިޒަމްގެ އަމަލެއް ހިންގިކަމުގެ ތުހުމަތު ތަހުގީގަށް ސާބިތުވެފައިވެއެވެ. ދައުވާ އުފުލީވެސް މިހުރިހާ ތުހުމަތުތަކެއްގެ މައްޗަށެވެ.
ބްރެންޓޮން ނިއުޒިލޭންޑްގެ ކްރައިސްޗާޗްގެ ދެމިސްކިތަކަށް ޙަމަލާދީ މުސްލިމުން ގެ 51 މީހުން ގަސްދުގައި މަރާލީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. މިޖަރީމާ ބްރެންޓޮން ހިންގީ މުސްލިމުންދެކެ އަންނަ ރުޅިއެއްގެ ބޮޑުކަމުންކަމަށް އޭނާ އަމިއްލައަށް އިޢުތިރާފުވެފައިވެއެވެ.
ބްރެންޓޮން ގެ ހިތުގައި މުސްލިމުންނާމެދު ރުޅިއާއި ނަފްރަތު އުފެދުނީ ޔޫރަޕްގައި އޭނާ އުޅުނު ދުވަސްވަރު ޔޫރަޕްގައި މުސްލިމުންނާ ދެކޮޅަށް ހަރަކާތްތެރިވާ ކްރިސްޓިއަން ޓެރަރިސްޓް ޖަމާއަތްތަކުގެ ދަލުގައި ޖެހިގެން އެމީހުންގެ ހަރުކަށި ފިކުރު ސިކުނޑިއަށް ވަދެގެންކަން ތަހުގީގަށްވަނީ ސާބިތުވެފައެވެ.
ޔޫރަޕްގައި މުސްލިމުންނާ ދެކޮޅަށް ހަރަކާތްތެރިވާ ކްރިސްޓިއަން ޓެރަރިސްޓް ޖަމާއަތްތަކުގެ ފަލްސަފާއަކީ އައިއެސް ޖަމާއަތުން ގެންގުޅޭފަދަ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓް ފިކުރާއި ފަލްސަފާއެވެ. އެ ފިކުރާއި ފަލްސަފާ އެެހެން މީހުންގެ ސިކުނޑިތަކަށް ވައްދައި މީހުންގެ ސިކުނޑިތައް ދޮވެލުމަށް އެދެފަރާތުންވެސް އިންޓަނެޓާއި އެނޫންވެސް ވަސީލަތްތައް ބޭނުން ކުރަމުން ގެންދެއެވެ.
އުމުރުން 29 އަހަރުގެ ބްރެންޓޮން، ގަސްދުގައި 51 މީހުން މެރުމުން އޭނާއަށް މަރުގެ އަދަބު ދެވެންޖެހޭނެކަމަށް ގިނަބަޔަކު ދެކެއެވެ. ނަމަވެސް އިންސާނީ ހައްގުތަކުގެ ނަމުގައި ނިއުޒިލޭންޑާއި އޮސްޓްރޭލިއާ އަދި ޔޫރަޕްގެ ބައެއްގައުމުތަކުގައި އަމަލުކުރަމުން ގެންދަނީ މަރަށް މަރުހިފުމުގެ ގާނޫނެއް ނޫނެވެ. ގަސްދުގައި އެތަށް ބަޔަކު މަރާލި މީހަކު ހައްޔަރުގައި ބެހެއްޓުމަށް ހުކުމު ކުރުމަކީ މަރުވެދިޔަ މީހުންގެ ހައްގުގައި އިންސާފު ހޯދައި ދިނުން ނޫންކަމަށް އެތަށް ބަޔަކު ދެކެއެވެ. (ނޫސްއެޖެންސީތައް)