27 Aug 2020, 08:19
ސިޑުނީ/ބީބީސީ (އޯގަސްޓް 26) -- ކޮރޯނާ ވައިރަސްއާ ގުޅިގެން އޮސްޓްރޭލިއާގައި މިހާރު އަޅާފައިވާ ކަރަންޓީނުގެ ފިޔަވަޅުތަކާ ހިލާފުވެގެން އޮސްޓްރޭލިއާގެ އަންހެނަކު ހަ މަހަށް ޖަަލަށް ލައިފި އެވެ.
އެ މައްސަލާގައި ޖަލަށް ލާފައި ވަނީ އޭޝާ ފަޔޭ ވެންޑާ ސަންޑެން ކިޔާ 28 އަހަރުގެ އަންހެނެކެވެ. އޭނާ ޖަލަށް ލީތާ މިހާރު މަހެއް ވަނީ ވެފަ އެވެ.
އޭނާ ވަނީ އޮސްޓްރޭލިއާގައި އެންމެ ބާރަަށް ކޮވިޑް ފެތުރެމުންދާ ވިކްޓޯރިއާ ސަރަހައްދަށް ޒިޔާރަތްކޮށްފަ އެވެ.
އޭޝާ އޮސްޓްރޭލިއާގެ ޕާތަށް ގޮސް އަމިއްލަ ހަރަދުގައި ހޮޓަލެއްގައި 14 ދުވަސް ކަރަންޓީނުވާން އޮތީ ހުއްދަ ދީފަ އެވެ. ނަމަވެސް ޓްރަކެއްގައި އެ ސިޓީއަށް ވަދެ ލޯބިވެރިޔާގެ ގޭގައި އުޅެނިކޮށް ފަޅާއެރީ އެވެ.
އޮސްޓްރޭލިއާގެ ހުޅަނގު ސަރަހައްދުގައި ކަރަންޓީނުގެ އުސޫލާ ހިލާފުވެއްޖެ ނަމަ ގިނަ ވެގެން އެއް އަހަރަށް ޖަލަށް ލައި 50،000 ޔޫއެސް ޑޮލަރާ އެއްވަރުގެ ޖޫރިމަނާއެއް އާދެ އެވެ.
ވެސްޓާން އޮސްޓްރޭލިއާގައި މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ހާއްސަ ހުއްދައެއް ލިބިގެން ނޫނީ އެ ސަރަހައްދަށް ނުވަދެވެ އެވެ.
އޭޝާގެ ވަކީލް ކޯޓުގައި ބުނީ އޭޝާ ވިކްޓޯރިއާއަށް ދިޔައީ އޭނާގެ ބަލި ކޮއްކޮ ކައިރިއަށް ކަމަށެވެ. ނަމަވެސް އެތާ ކެތްނުވެގެން އެނބުރި ޕާތަށް ދިޔައީ ކަމަށާއި އަދި ކަރަންޓީނުވެހުރީ ލޯބިވެރިޔާ ކައިރީގައި އެހެން އެއްވެސް މީހަކާ ކޮންޓެކްޓްނުވެ ކަމަށެވެ.
ނަމަވެސް ސީިނިއާ ކޮންސްޓެބަލް މެކް ޑޮވެލް ވިދާޅުވީ އޭޝާ ހަދަނީ ދޮގު ކަމަށެވެ.-- ބީބީސީ--