27 Aug 2020, 00:02
މި މަހުގެ 25 ވަނަ ދުވަހު، ގއ. ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެންދިއުމަށްފަހު، މިއަދު މެންދުރު އެ ހާލަތު އުވާލުމާ ގުޅިގެން ރަށު ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުން ފާޅުކޮށްފި އެވެ.
ވިލިނގިލި މޮނިޓަރިންގެ ހާލަތަށް ގެންދިއައީ އެރަށުގައި ހޯމް ކަރަންޓީނު ކޮށްފައި ހުރި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ސިއްހީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށެވެ.
ނަމަވެސް ވިލިނގިލީގައި ތިބި މީހުން ރަށުން ބޭރަށް ދިއުމާއި، އެޗްޕީއެގެ ހުއްދަ ނެތި ރަށަށް މީހުން އެރުން މަނާކޮށް، ރަށް މޮނިޓާކުރުމަށް ނިންމި ނިންމުން އުވާލިކަން މިއަދު 11:28 ގައި ވަނީ އަންގައިފަ އެވެ.
އެޗްޕީއޭގެ ނިންމުމާ ގުޅިގެން ރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލީ ގއ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު އޮފިސަރު އަދި ހޮސްޕިޓަލުން ކޮވިޑް19 އަށް ކަނޑައަޅާފައި ހުންނަވާ ފޯކަލް ޕޮއިންޓް އެޗްޕީއޭއަށް ދެއްވާފައިވާ ދޮގު މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ކައުންސިލުން ބުނެފައި ވަނީ ޕޮޒިޓިވްވި މީހާ އާއި އެރަށު ބަޔަކު ޑައިރެކްޓް ކޮންޓެކްޓުވެފައިވާ ކަމަށެވެ.
އެހެންކަމުން ފޯކަލް ޕޮއިންޓް ދޮގު މައުލޫމާތު ތަކެއް ހިއްސާކުރުމުގެ ސަބަބުން، ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލުމަކީ ކައުންސިލާއި ކޮވިޑް19 ވިލިނގިލި ޓާސްކްފޯސް ކޮމެޓީން ގަބޫލުކުރާ ސައްހަ މައުލޫމާތުތަކެއް ކަމަށް ނުވާތީ، އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.
އެރަށުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓުވި ފަރާތްތަކުގެ އެންމެ ފުރިހަމަ މައުލޫމާތު އެޗްޕީއޭއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށާއި، އެހެންކަމުން ކައުންސިލުން މިކަމާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެންމެހާ ރައްޔިތުން ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.
ކައުންސިލުން ބުނީ ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓުވި ފަރާތްތަކުގެ އެންމެ ފުރިހަމަ މައުލޫމާތު އެޗްޕީއޭއަށް ފޯރުކޮށް، އެފަރާތްތަކުގެ ސާމްޕަލް ނަގައިި ނިމެންދެން ވިލިނގިލި މޮނިޓަރިން ހާލަތުގައި ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަތޮޅު ހޮސްޕިޓަލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. އެރަށުން ވާހަކަދެއްކި މީހަކު ބުނީ، މިކަމާ ގުޅިގެން ރަށު ތެރޭގައި ވަަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށެވެ.