27 Aug 2020, 00:01
މަގާމުގެ ހުވާ އަލުން ކުރަން ޖެހޭ މައްސަލައިގައި ޓޫރިޒަމް މިނިސްޓަރުކަމަށް މިފަހުން އައްޔަން ކުރި ޑރ. އަބްދުﷲ މައުސޫމު ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
މައުސޫމު ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ ކުރެއްވި އިރު އެހެން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވުމުން އޭނާގެ ހުވާގެ ސައްހަ ކަމާ މެދު މަޖިލިސް މެމަބްރުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެ މައްސަލައިގައި މީގެ ކުރިން މަޖިލީހުގެ ކޮމިޓީން އޭނާއަށް ރުހުން ދިނުމަށް ފާސް ކުރި ނަމަވެސް، އޭނާއަށް ރުހުން ދިނުމަށް ވޯޓަށް ނާހައި ތަޅުމުން ވަނީ މައްސަލަ އަނބުރާ ކޮމިޓީއަށް އެ މައްސަލަ ފޮނުވާފައެވެ.
މިރޭ ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ޕްރެޒެންޓަރު އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މައުސޫމް ވިދާޅުވީ، އޭނާގެ ސީވީ އަކީ އާންމު ސޯޝަލް މީޑިއާ ޕްލެންޓުފޯމްތަކުން ވެސް ފެންނަން ހުންނާނެ އެއްޗެއް ކަމަށާއި ރުހު ދިނުމާ ނުދިނުމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑު ސީވީއަކީ ޖައްވަށް ދޫކޮށްލާފަ އޮންނަ ސީވީއެއް އިނގޭތޯ؟ ތިޔަ ބޭފުޅުން ލިންކްޑިން ބަލާލިޔަސް ފޭސްބުކް ބަލާލިޔަސް އަޅުގަނޑުގެ ސީވީ އާއި އެއްޗެހި ފެންނަން ހުންނާނެ. އަޅުގަނޑުގެ ސީވީގައި އެ ހުރީ އަޅުގަނޑު ކުރާ މަސައްކަތްތަކާއި ހުރިހާ އެއްޗެއް ލިޔެފައި. ތިޔަ ވިދާޅުވި އެއްޗަކަށް އަޅުގަނޑު ކޮމެންޓެއް ނުކުރާނަން،" މިނިސްޓަރު ކަމާ ހަވާލުވި އިރު، އެހެން ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވިންތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މައުސޫމު ވިދާޅުވި އެވެ.
ދެވަނަ ފަހަރަށް ތަކުރާރުކޮށް އެ ސުވާލު ކުރުމުންވެސް މައުސޫމު ވިދާޅުވީ އެއަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑު ސީވީ ބައްލަވާ ލައްވާ. ބައެއް ކަންކަން ހުންނާނެ އިދާރީ ގޮތުން ކިހިނެތްތޯ ކަމެއް ގޮސްފައި އޮތިއްޔާ އޭގެ އަސްލާ އެ ހުރިހާ އެއްޗެއް އޮންނާނެ. އަޅުގަނޑު ތި ކަމާއި ގުޅޭގޮތުން ކޮމެންޓެއް ނުކުރާނަން. އަޅުގަނޑުގެ ސީވީ ޔަގީނުން ވެސް ލިންކްޑިންގައި ބަދަލެއް ނުކުރަން. ފަހުން ޓޫރިޒަމް މިނިސްޓަރު ކަމާއި ހަވާލުވެފައި އެ މައުލޫމާތު ބަދަލު ކޮށްލާފައި ހުންނާނެ،" މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް އޭނާ މީޑިއާކަށް ދެއްވި އިންޓިިވިއުގައި ވިދާޅުވި އެވެ.
އެ މައްސަލަ ބައްލަވާ މަޖިލީހުގެ މަސްއޫލިއްޔަތު ކޮމިޓީން މިއަދު ނިންމާފައިވަނީ ާ ދިނުމަށެވެ.
އެކަމާ ގުޅޭ ގޮތުންވެސް ސުވާލު ކުރުމުން މައުސޫމު ވިދާޅުވީ، "ތިޔަށްވެސް އަޅުގަނޑު ދެއްވި ޖަވާބު އޮތީ، އިތުރު ކޮމެންޓެއް ނެތް" ކަމަށެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ވަޒީރަކު އެއްވެސް މިންވަރަކަށް ވިޔަފާރީގައި ޝާމިލްވުމަކީ މަނާކަމެކެވެ.
ކޮމިޓީން މިއަދު ނިންމާފައި ވަނީ މައުސޫމްގެ ހުވާގެ ސައްހަކަމާ މެދު ސުވާލު އުފެދިފައި ވާތީ، ޓޫރިޒަމް މިނިސްޓަރު ކަމުގެ ހުވާ މައުސޫމް އަލުން ކުރެއްވުމަށް ފަހު، މަޖިލީހަށް ރުހުން ހޯދަން މައުސޫމްގެ ނަން ފޮނުއްވުމަށް ރައީސްއަށް ދެންނެވުމަށެވެ. އެ ގޮތަށް ރައީސްއަށް ދެންނެވޭނީ ތަޅުމުން އެ ނިންމުން ފާސްކޮށްގެންނެވެ.