މިއަދު ރާއްޖެއިން 178 މީހުން ކޮވިޑަށް ޕޮޒިޓިވްވެ، ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު 2،636 އަކަށް އަރައިފި އެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 141 ދިވެހިންނާއި 37 ބިދޭސީންނެވެ.

ބިދޭސީންގެ ތެރޭގައި ހިމެނެނީ، 25 ބަންގްލަދޭޝް މީހަކާއި އިންޑިއާގެ 10 މީހަކު އަދި ސްޕެއިންގެ 2 މީހެކެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭޭގައި ހިމެނެނީ، މާލެ ސަރަހައްދުން 176 މީހަކާއި އަތޮޅު ތެރެއިން ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 7،225 އަށް ވަނީ އަރާފަ އެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ، 4،561 އެވެ. އޭގެ ތެރޭގައި މިއަދު ބަލިން ރަނގަޅުވި 122 މީހުން ހިމެނެއެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 162 އެވެ. ބަލި ޖެހިގެން އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައިވާ ވަނީ، 1،458 އެވެ. މިހާތަނަށް ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ.