26 Aug 2020, 21:36
ހަޔާތުގެ އެއްވެސް ކަމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.
"އިއްޒަތްތެރި މެމަބްރު ދެންމެ ތިޔަ ފާހަގަ ކުރެއްވީ އަޅުގަނޑު ހަޔާތުގެ އެއްވެސް ކަމެއްގައި އަޅުގަނޑު ވާދަ ނުކުރައްވާނެ ބޭފުޅެއް[ރައީސް ސޯލިހް]. އަދި އަޅުގަނޑު ގަބޫލު ކުރަނީ އެބޭފުޅާވެސް އަޅުގަނޑުގެ ހަޔާތުގެ އެއްވެސް ކަމަކާ އަޅުގަނޑަކާ ވާދައެއް ނުކުރައްވާނެ،" އާދަމް ޝަރީފު ވާހަކައިގެ މެދު ތެރެއިން، އޭނާގެ ވާހަކަ ހުއްޓުވުމަށްފަހު ރައީސް ނަޝިދު ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލައިގައި އޭނާގެ ހުވައާ މެދު ޝައްކު އުފެދިފައިވާ މައްސަލައަށް ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފު ވިދާޅުވީ، ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކިތަންމެ ވާދަވެރި ދެބޭފުޅުން ކަމަށްވީ ނަމަވެސް، އެ މައްސަލައަށް ހައްލެ ލިބޭނީ ސީދާ ރައީސް ސޯލިހާ ވަހަކަށް ދައްވައިގެން ކަމަށެވެ. އަދި މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަވަން ޖެހޭނީ ގަނޫނުއަސާސީއާ އެއްގޮތްވާ ގޮތަށް ކަމަށެވެ.
"ރައީސް ތިޔަ ވިދާޅުވާ އެއްޗަކުން އަޅުގަނޑަށް ހީވަނީ، ދެ ބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ކައިވެނި ބައްލަވާ ވާހަކަހެން ތި ވިދާޅުވަނީ. އަޅުގަނޑު މިދައްކަނީ ސިޔާސީ ވާހަކަ އިނގޭތޯ،" ރައީސް ނަޝީދު އާދަމް ޝަރީފަށް ދެއްވި ރައްދަށް، އިތުރަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ، ކޮންމެ ވާހަކައެއް ދެއްކެވި ނަމަވެސް ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ދެ ވާދަވެރިކަން ރައްޔިންތުނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް ސޯލިހް ވެރިކަމަށް އައި ފަހުން، ޒަމާނުއްސުރެ އެކުވެރި ދެބޭފުޅުންގެ ގޮތުގައި ތިއްބެވި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުުން ގޯސް ކަމަށް ދޭތެރެ ދޭތެރެއިން އަޑު ފެތުރެ އެވެ. ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝިދަށް ވާދަ ނުކުރެވޭ ގޮތް ވުމުންނެވެ.
އޭރު ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ގިނިކިންޔާ ވާދަކޮށް، ކާމިޔާބު ކުރައްވާ ރައީސް ނަޝީދު ކެމްޕެއިންވެސް ފެއްޓެވި އެވެ. އެހެން ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އޭރު ކޮށްފައިވާ ޓެެރިރަޒަމް ދައުވާ ސާބިތުވެ، ޖަލަށްލުމަށް ހުކުމްކޮށްފައި ވުމުން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ނުކުރެއްވުނެވެ. އެއާއެކު އެމްޑީޕީ ގައުމީ މަޖިލިސް އިން ނިންމީ، ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ދިނުމަށެވެ.
ރައީސް ނަޝީދަށް ކުރި ޓެރަރިޒަމްގެ ދައުވާ ފަހުން ސްޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.
ދެ ރައީސުންގެ ހިޔާލު ތަފާތުވާ ވާހަކަ އަނެއްކާވެސް ގަދަވީ، ރައީސް ނަޝީދު އިސްވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަސައްކަތް ކުރުމުންނެވެ. ރައީސް ސޯލިހް ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ފުރިހަމަ އިތުުބާރު ފައްޔާޒަށް އެބަ އޮތް ކަމަށާއި އޭނާ ދިފާއު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.