26 Aug 2020, 20:10
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމު މަގާމުގެ ހުވާ އަލުން ކުރައްވަން ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.
ކޮމިޓީން މިގޮތަށް ލާފާ ދޭން ނިންމީ، މައުސޫމު މަގާމުގެ ހުވާކުރެއްވިއިރު ވިޔަފާރި ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ނުވެ ހުންނެވުމާ ގުޅިގެން އޭނާއަށް ރުހުން ދިނުމުގެ މައްސަލަ މަޖިލިސް ތަޅުމުން އިއްޔެ ކޮމިޓީއަށް އަނބުރާ ފޮނުވާލުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ގޮތެއް ނިންމުމަށް މިއަދު ބޭއްވި މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ، އެ ކަމުގައި މާ ބޮޑު ގޯހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ކަހަލަ ޝައްކެއް ނޫފުދޭ ގޮތަށް ކަންކަން ކުރުމަށްޓަކައި އަލުން ހުވާ ކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބައެއް މެމްބަރުން ހިޔާލުފާޅު ކުރެއްވި އެވެ.
"މީގަ މި ފާހަގަ ވަނީ އުސޫލީ މައްސަލައެއް. ކަން ހިނގާ އުސޫލަށް ބަލާއިރު މީ ގޯސްކޮށް ހިނގާފައިވާ ކަމެއް ނޫން. އެހެން ނަމަވެސް މިކަމުގައި ދެބަސްވުމެއް އުޅޭނަމަ، އެންމެ އެއްބަސްވެވޭ ގޮތަށް ރަނގަޅުކޮށްލުމަކީ އެންމެ ރަނގަޅު ގޮތް. އަޅުގަނޑަށްވެސް ތާއީދު ކުރެވޭ، ދެވަނަ ފަހަރަށް ހުވާ ކުރެއްވުމަށް ސަރުކާރަށް ދަންނަވާލަން،" ކޮމިޓީގައި ވާހަކަ ދައްކަވަމުން މަނަދޫ ދާއިރާ މެމްބަރު އަހުމަދު ހާރޫން ވިދާޅުވި އެވެ.
މައުސޫމު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ މައުސޫމް އަލުން ހުވާ ކުރެއްވުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، މިކަމުގައި އޮޅުވާލުމެއް ނެތް ކަމަށެވެ. އަދި ކޮވިޑްގެ މިހާލަތައް ބަލައި އެ މަގާމުން ވަކިވާން ވަގުތުކޮޅެއް ނަގާފާނެ ކަމަށާއި މައުސޫމް ކަންކުރައްވާފައިވަނީ ރަނގަޅަށް ކަމަށެވެ. މިކަމުގައި މާބޮޑު ގޯހެއް ނެތް ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"މި ހާލަތައް ބަލައި ކޮވިޑް ދުވަސްވަރު ކަރުދާސް ގެންގޮސްގެންނެއް ނޫން [ކަންކަން] މި ކުރެވެނީ، އީމެއިލް ޒަރިއްޔާއިން މިކަން ކުރެވޭނީ. އެހެންކަމުން އެކަމުން ބަރީއަވާން ވަގުތުކޮޅެއް ނަގާފާނެ. އެ ވަގުތުކޮޅު ތެރޭ މަސްއޫލިއްޔަތު އަދާ ކުރުމުގައި މައުސޫމު ކަންކުރައްވާފައިވަނީ ރަނގަޅަށް. މިހާތަނަށް ސެޓްކޮށްފައި ހުރި ޕްރިސިޑެންޓަށް ބަލާއިރު އަޅުގަނޑަށް ގަބޫލު ނުކުރެވޭ އަލުން ހުވާ ކުރައްވަން ޖެހޭނެ ކަމަށް،" ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ހުށަހެޅުއްވީ، އަލުން ހުވާ ކުރަން ނުޖެހޭ ގޮތަށް އަލުން ތަޅުމަށް ރުހުން ދިނުމުގެ މައްސަލަ ހުށަހެޅުމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މި މައްސަލަ މިގޮތަށް ދިމާވީ ރައީސް އޮފީހުން ބަލަން ޖެހޭ ވަރަށް ނުބަލާ ކަން ކުރުމުން ކަމަށެވެ. އެހެން ކަމުން ދެވަނަ ފަހަރަށް މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަން ކުރުމަށް ސަރުކާރުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދޅާުވި އެވެ.
އަލުން ހުވާ ކުރުމަށް ލަފާ ދިނުމަށް ހުށަހެޅުއްވީ، އެމްޑީޕީ މެމްބަރު އަބްދުﷲ ވަހީދެވެ. ކޮމިޓީގެ އަގުލަބިއްޔަތުން އޭނާގެ ހުށަހެޅުން ފާސްވި އެވެ.
ކޮމިޓީގެ ނިންމުމަށް ދެން ވޯޓަށް އަހާނީ މަޖިލިސް ތަޅުމުގަ އެވެ. އަދި މަޖިލިސް ތަޅުމުން ނިންމަވާ ގޮތެއްގެ މަތިން މިކަމުގައި އަމަލު ކުރައްވާނެ އެވެ.