26 Aug 2020, 18:14
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކި ބަސްބަހުން ވާހަކަދައްކަވަން ދަސްކުރުމުގައި ކުޅަދާނަކަމަށް ވިދާޅުވެ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލީޖޮންގް، މިނިސްޓަރަށް ތައުރީފު ކުރައްވައިފިއެވެ.
މިފަހުން ބޭރުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ރިސެޕްޝަންތަކުގައި މިނިސްޓަރު ޝާހިދު ވަނީ އެ ގައުމެއްގެ މީހުން ވާހަކަ ދައްކައި މާދަރީ ބަހުން ތަގުރީރު ކުރައްވަން ފައްޓަވައިފަ އެވެ.
އޮންލައިންކޮށް، ކޮންފަރެންސް ކޯލް މެދުވެރިކޮށް ބާއްވާ ބައްދަލުވުންތަކުގައި މުހިންމު މެސެޖެއް ނަމަވެސް އެ ގައުމެއްގެ ބަހުން ޝާހިދު ވަނީ ވިދާޅުވާން ފައްޓަވައިފަ އެވެ.
އެގޮތުން ރާއްޖޭގެ 55 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ޗައިނާގެ ބެއިޖީންގައި ރިސެޕްޝަނެއް ބާއްވައިފައެވެ. އެ ރިސެޕްޝަންގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވާހަކަދައްކަވާފައި ވަނީ ޗައިނާ ބަހުންނެވެ.
މިނިސްޓަރު ޝާހިދު ޗައިނާ ބަހުން ވާހަކަދައްކަވާ ވީޑިއޯ ޓުވީޓުކުރައްވާ ޗައިނާ ސަފީރު ވަނީ މިނިސްޓަރަށް ތައުރީފުކުރައްވައިފައެވެ.
އެގޮތުން އަމިއްލަފުޅަށް ބަސްތައް ދަސްކުރުމުގައި މިނިސްޓަރު ވަރަށް ކުޅަދާނަކަމަށާއި، އެކަން ފާހަގަކުރައްވައި މިނިސްޓަރަށް ސެޓްފިކެޓެއް ދޭން ވިސްނަވާކަމަށް ސަފީރު ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންދުވަހާއި ގުޅިގެން މީގެކުރިން ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ބޭއްވި ރިސެޕްޝަނުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު ތަގުރީރުކުރެއްވީ އަރަބި ބަހުންނެވެ.
މީގެ އިތުރުން ތައިލެންޑުގައި ކުރިއަށްގެންދިޔަ ރިސެޕްޝަނުގައި މިނިސްޓަރު ވާހަކަ ދެއްކެވީ ތައި ބަހުންނެވެ. މެލޭޝިއާގައި ބާއްވާ ރިސެޕްޝަނުގައި މިއަދު މިނިސްޓަރު ވާހަކަދެއްކެވީ މެލޭ ބަހުންނެވެ.
މީގެ ކުރިން އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖު ރާއްޖެ ވަޑައިގެން ބޭއްވި ހަފްލާއެއްގައި މިނިސްޓަރު ޝާހިދު ވަނީ ހިންދީ ބަހުން ވާހަކަ ދައްކަވައިފަ އެވެ.
މީގެ އިތުރުންވެސް އެކި ގައުމުތަކަށް ވަޑައިގެން މިނިސްޓަރު ވަނީ އެ ގައުމެއްގެ ބަހުން އޮފިޝަލް ބައްދަލުވުންތަކުގައި ވާހަކަ ދައްކަވައިފައެ ވެ. މިގޮތަށް އެގައުމެއްގެ ބަހުން ވާހަކަ ދެއްކެވުމަކީ ގައުމުތަކުން އެކަން ފާހަގަ ކުރާ ކަމެކެވެ. އަދި އެއީ އެއްގައުމު އަނެއް ގައުމުގެ ގާތްކަން އޮންނަ މިންވަރު ހާމަކުރުމަށް ޑިޕްލޮމެޓުން ގެންގުޅުއްވާ އުކުޅެކެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިނިސްޓަރު މިގޮތަށް ބައިވެރިވެލައްވާ ހަފްލާތަކުގައި އެ ހަފްލާއެއް އޮންނަ ގައުމެއްގެ ބަހުން ވާހަކަ ދައްކަވާނެ ކަމަށެވެ.
ހާރިޖީ ވަޒީރުކަމާ ހަވާލުވެ ވަޑައިގެންފަހުން މިނިސްޓަރު ޝާހިދު ވަނީ 100 އަށްވުރެ ގިނަ ގައުމުގެ ހާރިޖީ ވަޒީރުންނާ މަތީފަންތީގެ ޑިޕްލޮމޭޓުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި ކޮވިޑާ އެކު ބައިނަލްއަގުވާމީ އެހީތައް ރާއްޖެއަށް ހޯދުމަށް މިނިސްޓަރު ގެންދަވަނީ އެކި މަޝްވަރާތައް ކުރައްވަމުންނެވެ.