ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް އެންމެ ފަހުން ފެނިގެންދިޔަ ފިލްމު "ދިލް ބޭޗާރާ" ކުޅެދިނީ އޭނާ އާންމުކޮށް ފިލްމެއް ކުޅެދޭ އަގަށްވުރެ ކުޑަ އަގެއްގައިކަން ހާމަވެއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ފިލްމު ހޮޓްސްޓާގައި ރިލީޒްކުރިއިރު ސުޝާންތުގެ ރަހުމަތްތެރިއަކު ޑީއެންއޭ އަށް ދިން އިންޓަވިއުއެއްގައި ބުނީ ސުޝާންތު އާންމުކޮށް ފިލްމެއް ކުޅެދީ އުޅެނީ ހަ ކުރޯޑާއި އަށް ކުރޯޑާއި ދެމެދުގެ އަގަގެއްކައި ކަމަށާއި ނަމަވެސް އޭނާ އެ ފިލްމު ކުޅެދިނީ އެންމެ ތިން ކުރޯޑަށް ކަމަށެވެ. ފިލްމު ކުޅެދޭން ނަގާ އަގަށްވުރެ ދެގުނަ ކުޑަ އަގަކަށް ސުޝާންތު މި ފިލްމު ކުޅެދޭން ނިންމީ ޑައިރެކްޓަރު މުކޭޝް ޗާބްރާގެ އަލަތު ޑައިރެކްޝަނަށް މި ފިލްމުވުމުން ކަމަށެވެ. އަދި އެދެމީހުންނަކީ ވަރަށް ގާތް ދެމީހުންނަށް ވާތީ މުކޭޝް އެންމެ ކުރިން ވެސް ބޭނުންވީ އޭނާގެ އަލަތު ޑައިރެކްޝަން ފިލްމު ސުޝާންތު ލައްވާ ކުޅުވަންކަމަށެވެ.

ހަމައެއާ އެކު މުކޭޝަށް އެދުވަސްވަރު މާލީ ދަތިތަކަކެއް ކުރިމަތިވި ކަމަށާއި އެ ހުރިހާ ކަމަކަށް ވެސް ވިސްނުމަށް ފަހު ސުޝާންތު އެ ފިލްމު ކުޅެދޭ އަގު ކުޑަކުރަން ނިންމީ ކަމަށެވެ. މުކޭޝް އާއި ސުޝާންތަކީ ވަރަށް ކުރީން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.

ސުޝާންތުގެ ފަހު ފިލްމު "ދިލް ބޭޗާރާ" އަށް ވަނީ ގިނަ ރެކޯޑުތަކެއް ލިބިފަ އެވެ. އަދި އެ ފިލްމުގެ ޓްރެއިލާއަށް ވަނީ ޔޫޓިއުބްގައި ރިލީޒްކުރި އެންމެ ގިނަ ލައިކު ލިބުނު ޓްރެއިލާއަށް ވެސް ވެފަ އެވެ.