27 Aug 2020, 07:47
ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީ އޭނާގެ ފިލްމީ ކެރިއަރުގައި ކުޅޭ ފުރަތަމަ ފުލް ފްލެޖް ކޮމެޑީ ފިލްމަށް ސޮއިކޮށްފި އެވެ.
އިމްރާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ނަމަކީ "ސަބް ފަސްޓް ކްލާސް"އެވެ. އޭނާ މި ފިލްމު ކުޅެން މިހާރު ސޮއިކޮށްފައިވާކަން ކަށަވަރުވެފައިވާއިރު އޭނާއާ އެކު އެ ފިލްމުގައި ފެނިގެންދާ އަންހެން ލީޑު ތަރި އަދި ހާމަކޮށްފައެއްނުވެ އެވެ.
ބަލްވިންދަރު ސިންގް ޖަނޫޖާ ޑައިރެކްޓްކޮށް އަބްސޭ ސިންހް، ދީޕަކް މުކުތާއި ޝިވަންޝޫ ޕާންޑޭ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ފިލްމުގެ ރޯލަށް ސޮއިކުރުމަށް ފަހު އިމްރާން ބުނީ މި ފިލްމަކީ އާންމުން ހެއްވާލާނެ މަޖާ ފިލްމެއް ކަމަށާއި މި ފިލްމުގެ ވާހަކަ އަކީ ބެލުންތެރިން ވެސް ވަރަށް ގަޔާވާނެ ވާހަކައެއް ކަމަށެވެ. ސަބް ފަސްޓް ކުލާސް އަކީ މީގެ ކުރިން އޭނާ ކުޅެފައިނުވާ ފަދަ ފިލްމެއް ކަމަށާއި ފިލްމުން ފެނިގެންދާނީ ފިރިހެނަކު އޭނާގެ ބޭނުންތައް ފުއްދުމަށް ޓަކައި ކުރަން ޖެހޭ ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި މީހެއްގެ ވާހަކަ ކަމަށެވެ. އަދި އެކަންތައްތަކުގެ ތެރޭގައި އޭނާގެ އާއިލާ އާ ދުރަށްދާންޖެހި ސަލާމަތްނުވެވޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ތާށިވާ މަންޒަރު އެ ފިލްމުން ފެނިގެންދާނެ ކަމަށް އިމްރާން ބުންޏެވެ
އިންޑިއާގެ ލޮކްޑައުނަށް އެއްކޮށް ލުއި ލިބުމުން އެ ފިލްމުގެ ޝޫޓިން ފަށާއިރު މި ފިލްމު ގެނެސްދޭނެ ތާރީޚެއް އަދި އިއުލާންކޮށްފައެއްނުވެ އެވެ. އެކްޓަރު އިމްރާންގެ ރިލީޒްނުވާ ދެ ފިލްމެއް އެބައޮތެވެ. އެއީ "ޗެހެރޭ" އާއި "މުމްބާއީ ސާގާ"އެވެ.