26 Aug 2020, 14:50
ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމުތަކުން ލިބޭ ފައިސާ ދެން ޖަމާކޮށްދޭނީ ރުފިޔާ އެކައުންޓަކަށް ކަމަށާއި އަދި އެގޮތަށް ލިބޭ ފައިސާ ދެން ނެގޭނީ ވެސް ރުފިޔާގެ ގޮތުގައި ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލާއެކު ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓު އަދި އެއް ފަރާތުން އަނެއް ފަރާތަށް "ވިސާ ޑައިރެކްޓް" އަދި "މާސްޓާކާޑް ސެންޑް" ފަދަ ޕްލެޓްފޯމުތަކުން ފޮނުވާ ފައިސާ ޖަމާ ކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ކަމަށެވެ.
މިފަދަ ޕްލެޓްފޯމުތަކަކީ އާންމުކޮށް ވަކިވަކި ފަރުދުން އޮންލައިން ޓްރޭޑިންގް އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލު ގެނައި ނަމަވެސް ކުރިއެކޭ ވެސް އެއްފަދައިން އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް، ފައިސާ ދިވެހި ރުފިޔާ އެކައުންޓަށް ޖަމާވާތީ ދެން އެ ފައިސާ ނެގޭނީ ހަމައެކަނި ދިވެހި ރުފިޔާއިން ކަމަށް ވެސް ބޭންކުން ބުންޏެވެ.
ނަމަވެސް، އެލްސީގެ ގޮތުގައި ބޭރުން ފޮނުވާ ފައިސާ މި އުސޫލުގެ ތެރޭގައި ނުހިމެނޭނެ އެވެ.