12 Jan 2012, 12:10
ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު އިއްޔެ ދެއްކެވި ވާހަކަފުޅުތަކަކީ މީޑިޔާ އަށް ބިރުދެއްކުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުތަކެއް ކަމަށާއި އެފަދަ ވާހަކަތަކާއި އިންޒާރުތައް ދިނުން ވަގުތުން ވަގުތަށް ހުއްޓާލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
އެމްޖޭއޭ އިން ބުނެފައި ވަނީ ޕްރެސް ސެކްރެޓަރީ ޒުހައިރު ދެއްކެވި ގިނަ ވާހަކަތަކަކީ ޒިންމާދާރުކަމެއް ނެތް، އަދި ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ މީޑިޔާގެ މިނިވަންކަން ހަނިކޮށް މީޑިޔައަށް ބިރުދެއްކުމަށް ދެއްކި ވާހަކަތަކެއް ކަމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުންނާއި ޒިންމާދާރު ރައްޔިތަކު ވެސް އަދި އެނޫން ރައްޔިތަކު ވެސް ދެއްކެވި ވާހަކައެއްގެ ޒިންމާ އުފުލަން ޖެހޭނީ އެ ވާހަކެއް ދެއްކެވި ފަރާތަކުން ކަމަށާއި އެއްވެސް ހާލެއްގައި އެ ޒިންމާ އުފުލަން ޖެހޭނީ އެ ވާހަކައެއް ގެނެސްދޭ މީޑިޔާ އަކުން ނޫން ކަމަށެވެ.
"މީޑިޔާއަކީ ސަރުކާރުގެ އޮފިޝަލުން ވެސް ދައްކާ ވާހަކަތައް ގެނެސްދޭ ގޮތަށް އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ވެސް ގެނެސްދޭ ވަސީލަތެއް، ނުނީ ވެހިކަލެއް،" އެމްޖޭއޭގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަޓިކް ވެއްޓެގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާ މާހައުލެއްގައި "ލެފްޓް ވިންގް ނޫނީ ރައިޓްވިންގް"ގެ ކުލަ ޖެހިފައި ހުންނަ މީޑިއާތައް ހުންނާނެ ކަން ގަބޫލް ކުރާ ކަމަށާއި ނަމަވެސް މީޑިއާގެ ޚަބަރުތަކަކީ ފެކްޓްގެ މައްޗަށް ބުރަވެފައިވާ އެއްޗަކަށް ވާތީ އެ ހަބަރުތަކީ މައުލޫމާތު ދެއްވާ ފަރާތްތަކުގެ މައްޗަށް ބުރަވެފައިވާ ވާހަކަތަކެއްކަމުން އެއިން ވާހަކައެއްގައި ހަގީގަތާ ހިލާފު ކަމެއްވާ ނަމަ އެކަމަކަށް ރައްދުދީ ނޫނީ ރަނގަޅު ގޮތް ބުނެދިނުމުގެ ފުރުސަތު މިނިވަން މީޑިއާއެއްގައި އަބަދު ވެސް އޮންނާނެ ކަމަށެވެ.
"...އެހެން ނޫން ނަމަ ރައީސުލްޖުމްހޫރިއްޔާ ނޫނީ ޕްރެސް ސެކްރެޓަރީ އެކިއެކި ބޭފުޅުންނާ ބެހޭ ގޮތުން ދައްކަވާ ވާހަކަތަކާއި ރާއްޖޭގެ ރަށްރަށް އަޑިއަށްދާ ކަމަށް ދައްކަވާ ވާހަކަތަކުގެ ހަގީގަތް ބަލަން ވެއްޖެ ނަމަ އެ ވާހަކައެއް ވެސް ރިޕޯޓް ކުރެވޭނެ މީޑިއާއެއް ނޯންނާނެ. އޭރުން އެ ވެސް އެ ވިދާޅުވާ "ޖަރީމާއަކަށް" ނުވާނެތޯ އެވެ،" އެމްޖޭގެ ބަޔާނުގައި ސުވާލުކޮށްފައިވެ އެވެ.
އެމްޖޭއޭގެ ބަޔާނުގައި ޕްރެސް ސެކްރެޓަރީ އަށް ގޮވާލާފައި ވަނީ ގާނޫނު އަސާސީ އިން ހިޔާލުފާޅުކުރުމަށް ދީފައިވާ މިނިވަންކަން ހަނިވާ ފަދަ އެއްވެސް މަސައްކަތެއް ނުކުރަމަށާއި މީޑީއާއަށް ޖައްސަވާ ގޮމަކީ ހިޔާލު ފާލުކުރުމުގެ މިންވަންކަމަށް ޖަހާ ގޮމެއް ކަމަށެވެ.
މީގެ އިތުރުން ދި ޓީވީގެ ޕްރޮގްރާމްގައި ސިޔާސީ ޕާޓީއެއްގެ ދެ ބޭފުޅަކު ދެއްކެވި ވާހަކައަކާ ގުޅިގެން، އެ ދެ ބޭފުޅުންނެކޭ އެއް ހަމައިން، ދި ޓީވީގެ މައްސަލަ ތަހުގީކުރުމަށް ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވި އެންގެވުމަކީ ވެސް މީޑިއާ އަށް "ގޯނާ" ކުރުމަށް ރައީސް އޮފީހުން އެންގި އެންގުމެއް ކަމުގައި އެ އެސޯސިއޭޝަނުން ދެކޭ ކަމަށާއި އެކަން އަނބުރާ ގެންދިއުމަށް އެމްޖޭއޭ އިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.