ސޯލް (އޮގަސްޓު 26): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ހާލުކޮޅު ގޯސްވި ކަމަށް އަނެއްކާ ވެސް ހަބަރު ފެތުރިފައި ވަނިކޮށް، އެގައުމުގެ ވެރިކަން ކުރާ ވޯކާސް ޕާޓީގެ އެގްޒެކެޓިވް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

ކޭސީއެންއޭގައިވާ ގޮތުން އެ ބައްދަލުވުމުގައި ކިމް ވަނީ އެގައުމުގައި ކޮރޯނާވައިރަހާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ފުރިހަމަ ނުވާ ބައެއް ކަންތައްތައް ފާހަގަ ކުރައްވާ، އެކަންތައްތައް ރަނގަޅު ކުރަން އަންގަވާފަ އެވެ. އަދި މި ހަފްތާ ތެރޭ އެގައުމަށް އަރާނެ ކަމަށް ބެލެވޭ ތޫފާނެއްގައި ލިބޭނެ ގެއްލުން ކުޑަ ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވައިފަ އެވެ.

ކިމްގެ ހާލުކޮޅު ގޯސްވެފައިވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ހަބަރު ފެތުރުނީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ކިމް ޑެ ޖަންގެ ވެރިކަމުގައި ޕޮލިޓިކަލް އެފެއާޒް ސެކްރެޓަރީ ކަން ކުރައްވާ އެގައުމުގެ ސްޓޭޓް އެފެއާޒް މޮނިޓަރިން އޮފީހުގައި ކުރިން އިސްކޮށް ހުންނެވި ޗަންގް ސޮންގް-މިން އެފަދައިން ވިދާޅުވުމުންނެވެ. ފޭސްބުކް މެދުވެރިކޮށް ޗަންގް ވިދާޅުވި ގޮތުގައި ކިމް ވަނީ އޭނާގެ ބައެއް ބާރުތައް ކޮއްކޯފުޅު ކިމް ޔޯ ޖޮންގްއާ ހަވާލު ކުރައްވާފަ އެވެ. އަދި އުތުރު ކޮރެއާގެ ލީޑަރެއްގެ ސިއްހީ ހާލަތު ވެރިކަން ނުކުރެވޭ ވަރަށް ގޯސް ނުވާ ނަމަ ނުވަތަ ބަޣާވާތެއް ނުކުރާ ނަމަ އެ ލީޑަރަކު ވެރިކަމުގެ ބާރުތައް ދޫކޮށް ނުލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗަންގް ވިދާޅުވި ގޮތުގައި ކިމް އޮންނެވީ ކޯމާއެއްގައި ކަމަށް އޭނާއަށް ވަނީ ޗައިނާގެ އޮފިޝަލެއްގެެ ފަރާތުން އެނގިފަ އެވެ.

މީގެ ކުރިން ވެސް ކިމްގެ ހަބަރެއް ނުވެ ގިނަ ދުވަސްތަކެއް ހޭދަވުމާ ގުޅިގެން އޭނާގެ ހާލުކޮޅާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވިފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރު ކިމްގެ ހަބަރެއް ނުވެ ހަ ހަފްތާ ދިޔަ އެވެ. އެ ދުވަސްތަކުގައި ކިމް ގެންދެވީ ފައިގެ އޮޕަރޭޝަނަކަށް ފަރުވާ ހޯއްދަވަމުން ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ހާމަ ކުރި އެވެ. އަދި މިއަހަރުގެ މެދުތެރޭގައި ކިމް ނުފެނި ގިނަ ދުވަސްތަކެއް ވުމުން ވެސް އޭނާގެ ހާލުކޮޅު ގޯސްވި ކަމަށް ބުނާ ރިޕޯޓުތަކެއް ފެންމަތިވި އެވެ. ނަމަވެސް ކިމް ނުފެންނަތާ 20 ދުވަސް ފަހުން، މެއި މަހުގެ އެކެއްގައި އުތުރު ކޮރެއާގައި ބޭއްވި ހަފްލާއެއްގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓު ކުރި އެވެ.