26 Aug 2020, 11:18
ކޮވިޑް-19 ޖެހި މިހާރު އެޑްމިޓްކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެފި އެވެ.
ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ރޭގަ އެވެ. އަދި ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް، މިހާރު އަންނަނީ ފަރުވާދެމުންނެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށާއި އަލާމާތްތައް ހުރީ ކުޑަކޮށް ކަމަށެވެ.
ރައީސް މައުމޫން ކޮވިޑަށް ޓެސްޓުކުރެއްވީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އިއްޔެ އެވެ.
އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ފޮނުވަމުންނެވެ.
ކޮވިޑް19 އަކީ އުމުރުން ދުވަސްވީ މީހުންނާއި، އެހެން ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑު ބައްޔެކެވެ. އެހެންކަމުން އުމުރުން 82 އަހަރުގެ ރައީސް މައުމޫނަކީ ކޮވިޑް ބަލީގެ ހައިރިސްކު ކެޓަގަރީގެ ބޭފުޅެކެވެ.
މީގެ ދުވަސްކޮޅެއް ކުރިން ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ނަމަވެސް، އެކަމަނާ ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.