މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް އަދިވެސް ހަދާފައި ނުވާތީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ޒިންމާ އަދާ ނުކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މުއްދަތު ހަމަވިއިރުވެސް ހަދާފައި ނުވާތީ މަޖިލީހުގެ ގަވައިދު ކޮމިޓީއިން މީގެ ކުރިން ވަނީ ޒަހާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ބުނެ ރިޕޯޓެއް ތައްޔާރުކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. ނަމަވެސް އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލީ ގަވައިދުތައް ހަދާނެ ކަމަށް ޒަހާ ވިދާޅުވެ މަޖިލީހަށް ސިޓީ ފޮނުއްވުމުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިއަދާ ހަމައަށްވެސް އެ ގަވައިދުތައް ގެޒެޓްކޮށްފައި ނުވާ ކަމަށެވެ.

"ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީއަށް މި މައްސަލަ ފޮނުވިދާނެ. އެހެންނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މީގައި އިތުރަށް ބަލާން އޮތް މަސްއޫލިއްތެއް ނެތް. މީގައި ސާފުކޮށް ފެންނާން އޮތީ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވާތަން." މަޖިލިސް ރައީސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވަޒީރަކު މަސްއޫލިއްޔަތު އަދާ ނުކުރެއްވީމާ އަމަލުކުރާ އުސޫލުން މެމްބަރުން އަމަލުކުރައްވަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމާ ބެހޭ ގާނޫނުގައި 90 ދުވަހުގެ ތެރޭގައި ނިންމުމަށް ބަޔާންކޮށްފައިވާ ގިނަ ގަވައިދުތަކެއް ފިޝަރީޒް މިނިސްޓްރީ އިން ނިންމާފައި ނުވާ މައްސަލަ ބެލުމަށް ފަހު ގަވައިދު ކޮމިޓީއިން ނިންމާފައި ވަނީ ޒަހާ ޒިންމާ އަދާ ނުކުރެއްވި ކަމަށެވެ.

އެ ނިންމުމާ ގުޅިގެން ޒަހާ މީގެ ކުރިން މަޖިލިސް ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މަސްވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކުގެ ތެރެއިން ހަ ގަވައިދެއް ޑްރާފްޓް ނިންމައި ބަންޑަރަނައިބުގެ ލަފާފުޅަށް އެދި ފޮނުއްވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ގަވައިދުތައް ނިންމަވައި ގެޒެޓް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް ގަވައިދުތައް ގެޒެޓް ކުރައްވާފައެއް ނުވެ އެވެ.