12 Jan 2012, 11:07
މީޑިޔާތަކަށް ބިރުދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަނީ ގޮތް ހުސްވެގެން ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.
ދި ޓިވީގެ ހަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ ސަރުކާރަށް ފާޑުކިޔުމަކީ ޖަރީމާއެއް ކަމަށް ބުނެ އެ މައްސަލަތައް ބެލުމަށް ސަރުކާރުން މަސައްކަތް ކުރައްވަނީ ސަރުކާރު ގޮތް ހުސްވެ، ދެން ކުރާނެ ކަމެއް ނޭނގުމުން ކަމަށެވެ.
"ފުލުސް އޮފީހަށް ގެންދާނަމޭ ބުނީމާ، ޖަރީމާއެކޭ ބުނީމާ، މިއަދު ބަލައިގެންފައިވާ ނިޒާމްގެ ތެރެއިން ކާކުތޯ ސިއްސައިގެން ގޮސް އަޅުގަނޑުމެން ދައްކަމުންދާ ވާހަކައެއް ހުއްޓާލައްވަނީ،" ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ބަލައިގެންފައިވާ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ސަރުކާރަށް ނުރުހޭ ބަހެއް ބުނުމުން ސަރުކާރުން ޖަރީމާ އެކޭ ބުނިމާ އެކަމާ އިދިކޮޅު ފަރާތްތަކުން ބިރުން ތުރުތުރު އަޅައި ކުރަން ހުންނަ މަސައްކަތް ހުއްޓާލާފައި ގެއަށް ދާނެ ކަމަށް ސަރުކާރަށް ހީކުރެވެނީ ނަމަ އެއީ ކުށްހީއެއް ކަމަށެވެ.
"މިއަދު މިއީ އެ ޒަމާނެއް ނޫން. އެހެން ވިދާޅުވުމަކީ ހެއްވާ ކަމެއް. ދެންވާ ގޮތަކީ ގޮތްހުސްވުން ހަގީގަތަކީ [ސަރުކާރުން މަސައްކަތްކުރައް ވަނީ] ހިޔާލުފާޅުކުރުމުގެ މިނިވަން ކަމާ އިދިކޮޅަށް،"
ތަސްމީން ވިދާޅުވީ ހިޔާލުފާޅުކު ރުމުގެ މިންވަން ކަމަށް ހުރަސްއެޅުމަށް ސަރުކާރުން މަސައްކަތްކުރައްވަނީ ސަރުކާރަށް އޮތް ތާއިދު ގެއްލިގެންދާ ކަމުގެ އިހުސާސް ވުމުގެ ސަބަބުން ކަމަށާއި މިހާރު ގާނޫނުތައް ހެދިފައިވާ ގޮތުން ބިރުދައްކައިގެން ކަންކަން ކުރަން އެހާ ފަސޭހަ ނުވާނެ ކަމަށެވެ.
އަދި ވިދާޅުވީ ރައީސް އޮފީހުން އެއްޗެއް ފޮނުވާ އިރަށް ފުލުހުން ތަހުގީގުކުރަން ޖެހޭ ކަމަށް ގަބޫލުކޮށްގެން ފުލުހުން ތަހުގީގުކުރި ނަމަވެސް ގާނޫނު މިހާރު އޮތް ގޮތުން އިންސާފު ނޫން ގޮތަކަށް ކަންކަން ނުކުރެވޭނެ ކަން ސަރުކާރުން ދަންނަން ޖެހޭނެ ކަމަށެވެ.
"ފުލުސް އޮފީހުގައި އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުންނަށް ނުފޫޒް ފޯރުވައިގެން ޗިޓެއް ފޮނުވާލައިގެން ސުވާލުކުރުމަށް [ފުލުސް އޮފީހަށް] ގެންދެވިދާނެ. އެއަށް ވުރެ ބޮޑަކަށް ނޯންނާނެ ބެލޭކަށް. ޕްރޮސިކުޓާ ޖެނެރަލް ވެސް އެ ހުންނެވީނޫންތޯ، ދައުވާ ވެސް ކުރެވޭނީ ވަކި އުސޫލަކުން. ކޯޓްތައް ވެސް އެބަހުރި، އެހެންވީމާ ސަރުކާރުން ހިތުހުރިހާ ގޮތަކަށް އަމަލުކުރަން ވިސްނުންފުޅު ހުރި ކަމަށް ވެދާނެ. އެހެންނަމަވެސް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ސަރުކާރުން އެހެން ބުނި ނަމަވެސް މީޑިޔާތަކާ މެދު މާބޮޑު ފިޔަވަޅެއް އެޅޭނެކަމަށް ގަބޫލު ނުކުރަށްވާ ކަމަށާއި މީޑިޔާގެ މިނިވަން ކަމާއި ހިޔާލު ފަޅުކުރުމުގެ މިންވަން ކަމަށް އަރައިގަތުމަށް ސަރުކާރަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
ރައީސުލްޖުމުހުރިއްޔާގެ އޮފީހުގެ ޕްރެސް ސެރެޓަރީ މުހައްމަދު ޒުހައިރު އިއްޔެ ވިދާޅުވެފައި ވަނީ އެކިފަރާތްތަކުން ދައްކާ ސާބިތު ނުހިފޭ ހަގީގާތާ ހިލާފު ވާހަކަތައް ގެނެސްދޭ މީޑިއާތަކުން ހިންގަނީ ޖަރީމާއެއް ކަމަށާއި އެފަދަ ވާހަކަތަކަށް މަގުފަހިވާ ވާހަކަ ގެންނަ މީޑިޔާތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.