ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ބަނދަރުގައި ގުދަނެއް ގޮވުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ "ވީކެންޑް"ގެ މެނޭޖަރު ވަސީމް ސެއިލްބީ 10 ދުވަހުގެ ތެރޭގައި އެއް މިލިއަން ޑޮލަރުގެ އެހީއެއް ހޯދައިފި އެވެ.

"ގްލޯބަލް ސިޓިޒެންސް އޮފް ދަ ވޯލްޑް"އާ ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕެއިން އެއްގައި އޭނާ ވަނީ ހާއްސަ ފަންޑެއް ހުޅުވާފައެވެ. އެ ފަންޑަށް 10 ދުވަހުގެ ތެރޭގައި 1.2 މިލިއަން ޑޮލަރުގެ އެހީ ލިބިފައިވާ ކަމަށް ވަސީމް ބުންޏެވެ.

އޭނާ ބުނީ އެ ފަންޑަށް އެތައް ސަތޭކަ ބަޔަކު ވަނީ އެހީ ދީފައި ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެ ފައިސާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށްވެސް އޭނާ ބުންޏެވެ.

ވަސީމް ހުޅުވި ފަންޑަށް ވީކެންޑްވެސް ވަނީ 30،000 ޑޮލަރުގެ އެހީއެއް ދީފައެވެ. އަދި ވަސީމްގެ އަންހެނުން ރައިމާ ފާކިހްވެސް ވަނީ އެ ފަންޑަށް 15،000 ޑޮލަރުގެ އެހީއެއް ދީފައެވެ.

އެ ގޮވުމުގެ ސަބަބުން 200 އަށްވުރެ ގިނަ މީހުން މަރުވެ، 5،000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ. އަދި އެ ސަރަަހައްދުގައި ހުރި އިމާރާތްތައް ބޭނުން ނުކުރެވޭ ވަރުވެ، ގާތްގަނޑަކަށް 300،000 މީހުން ވަނީ މަގުމަތިވެފަ އެވެ.