ކޮރޯނާ ވައިރަސް ފެތުރޭތީ އަޔަލެންޑްގެ ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވައިފި އެވެ.

އެއާއެކު ގިނަ އަދަދެއްގެ ދަރިވަރުން މިހާރު ވަނީ އެނބުރި ސްކޫލަށް ދާން ފަށައިފި އެވެ. ބެލެވޭ ގޮތުގައި ކުރިއަށް ދުވަސްތަކުގައި މިލިއަނެއްހާ ދަރިވަރުން އަލުން ސްކޫލަށް ދާނެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އަޔަލެންްޑުން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހު އެވެ.

ސްކޫލްތައް އަލުން ހުޅުވާފައިވަނީ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް އިސްކަންދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެވެ.

އަޔަލެންޑްގެ އެޑިއުކޭޝަން މިނިސްޓަރު ނޯމާ ފޮލޭ މިދިޔަ ހަފްތާގައި ވިދާޅުވީ އަލުން ސްކޫލްތައް ހުޅުވާއިރު ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އެނގޭ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިވަނީ އާ ނޯމަލްއަކަށް އައިސްފައި. ޕްރިންސިޕަލުންނާއި ސްކޫލްތަކުގެ ޓީޗަރުންގެ ފުރިހަމަ އެއްބާރުލުމާއެކު ދަރިވަރުންގެ ރައްކާތެރިކަމަށް މިހާރު މިވަނީ ހުރިހާ ފިޔަވަޅުތަކެއް އަޅައިފައި. ބެލެނިވެރިންނަށް ޔަގީންކަންދެން ސްކޫލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން،" ނޯމާ ވިދާޅުވި އެވެ.

އަޔަލެންޑުން 28،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި 1700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. --ބީބީސީ