ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ މައްސަލައިގެ ތަހުގީގު ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ މީގެ ފަސް ދުވަސް ކުރިން ފަށައިފަ އެވެ.

ވޭތުވެދިޔަ ހަތަރު ދުވަހު ވެސް ސީބީއައިން އިން ވަނީ ސުޝާންތުގެ ފްލެޓްމޭޓުންނާ ސުވާލުކޮށްފަ އެވެ. އަދި އިއްޔެ ވަނީ މުމްބާއީ ފުލުހުންގެ އިތުރުން ސުޝާންތުގެ އެކައުންޓަންޓު އާ ވެސް ސުވާލުކޮށްފަ އެވެ. އެކްޓަރު ސުޝާންތުގެ ޗާޑަޓް އެކައުންޓަންޓު ސަންދީޕް ޝްރިދާރް އާއި ސީބީއައި އިން އިއްޔެ ވަނީ 10 ގަޑިއިރު ވަންދެން ސުވާލުކޮށްފަ އެވެ. އިއްޔެ ހެނދުނު 9:45 އިން ފެށިގެން ސީބީއައިން އޭނާ އާ ސުވާލުކޮށްފައި ވަނީ ސުޝާންތުގެ ފައިނޭންޝަލް ކަންތައްތަކާ ގުޅޭގޮތުންނެވެ. ސުޝާތުގެ ބައްޕަ މީގެ ކުރިން ވަނީ ސުޝާންތުގެ އެކައުންޓުން 15 ކުރޯޑު ނަގާފައިވާ ކަމަށް ބުނެ ރިއާ ޗަކްރަބޯޓީ އާ އޭނާގެ އާއިލާއަށް ތުހުމަތުތަކެއް ކޮށްފަ އެވެ. އަދި އެ މީހުންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ތުހުމަތު ވެސް ކޮށްފަ އެވެ. އެކަމާ ގުޅިގެން ސަންދީޕް އާ ސީބީއައިން އިއްޔެ ވަނީ ސުވާލުކޮށްފަ އެވެ.

އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި ސަންދީޕް ބުނީ ސުޝާންތުގެ އެކައުންޓުގައި އެވަރަށް ފައިސާ ނުހުންނާނެ ކަމަށާއި ސުޝާންތުގެ އެކައުންޓުން ރިއާގެ އެކައުންޓަށް އެއްވެސް ފައިސާއެއް ޓްރާންސްފާކޮށްފައި ނުވާނެ ކަމަށެވެ. ސަންދީޕް ޝްރިދާރްގެ އިތުރުން ސުޝާންތުގެ ކުރީގެ އެކައުންޓަންޓު ރާޖަތު މެވާތީ އަށް ވެސް ވަނީ ސީބީއައިން ސުވާލުކޮށްފަ އެވެ.

އެކްޓަރު ސުޝާންތުގެ މަރުގެ ތަހުގީގު ސީބީއައިން ބާރު ސްޕީޑެއްގައި ކުރަމުންދާއިރު ގިނަ ބައެއްގެ އަމާޒު ހުއްޓިފައި ވަނީ އެ ހާދިސާ ހިނގި ދުވަހު ސުޝާންތުގެ ފްލެޓްގައި ތިބި މީހުން ދިން ސްޓޭޓްމަންޓުތަކަށެވެ.

ހޯމަ ދުވަހު ސީބީއައި އިން ވަނީ ސުޝާންތުގެ އެޕާޓްމަންޓުގައި އެ ދުވަހުގެ ހާދިސާ ހިނގި ގޮތް އެ ހާދިސާ ހިނގި އިރު ފްލެޓްގައި ތިބި މީހުން ލައްވާ ކުޅުވައިފަ އެވެ. އެ ހާދިސާ ހިނގިއިރު ސުޝާންތު އާއެކު އެގޭގައި ދިރިއުޅުނީ ސިދާތް ޕިތާނީ، ހައުސް ކީޕާ ދިޕޭޝް ސާވަންތު އަދި ކައްކާމީހާ ނީރަޖް ސިންހް އެވެ. އެ މީހުންނާ ވަކި ވަކިން ސުވާލުކުރުމަށް ފަހު އެ ތިން މީހުން އެއްތާ ބައިތިއްބައިގެން ސީބީއައިން ވަނީ ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ތިން މީހުންގެ ވާހަކަތައް އެކަކު އަނެކަކުގެ ވާހަކަތަކާ ދިމައެއް ނުވެ އެވެ.

ހަމައެއާއެކު ސީބީއައިގެ ޓީމެއް އަންނަނީ ސުޝާންތުގެ އޮޓޯޕްސީ ރިޕޯޓް ތަހުގީގުކުރަމުންނެވެ. ބޭރުގެ މީޑިއާތަށް ބުނާގޮތުގައި މުމްބާއި ފުލުހުން ސުޝާންތުގެ މަރުގެ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާ މެދު ސީބީއައި އިން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެ އެވެ. އެއިމްސް ހޮސްޕިޓަލުގެ ފޮރެންސިކް ޓީމުން އޮޓޮޕްސީ ރިޕޯޓު ތަހުގީގު ކުރަމުން އަންނައިރު އޭގައި ޝައްކުތަކެއް ހުރި ކަމަށް އެ ހޮސްޕިޓަލުގެ ފޮރިންސިކް ޑިޕާޓްމަންޓުގެ ޗީފް ސުދީރް ގުޕްތާ ވަނީ ވިދާޅުވެފަ އެވެ. އަދި އެއިމްސްގެ ޓީމުން އެ ކޭސް ހޯމިސައިޑްގެ (މަރާލުން) ކޭހެއް ގޮތުގައި ބަލަން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ސުޝާންތުގެ އޮޓޮޕްސީ އިން ޝައްކުކުރެވޭ ގިނަ ކަންތައްތަކެއް ފެނިގެންދާއިރު އެ ކަންތައްތައް ހުކުރު ދުވަހު ސީބީއައި އާ ހިއްސާކުރާނެ ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފަ އެވެ.