26 Aug 2020, 01:10
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުން ގިނަވާތީ، އަތޮޅު ތެރޭގައި ތިބި ނަރުހުން މާލޭގެ ފެސިލިޓީތަކަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް މަޑުޖެހުމެއް ނާންނައިރު، ބައްޔަށް ފަރުވާދޭންތިިބި މީހުން ވަރުބަލިވެ، ފަރުވާ ދޭން ތިބޭ ސިއްހީ އެހީތެރިންގެ އަދަދު މަދުވެދާނެ ކަމަށް އައިޖީއެމްއެޗުގެ ކްލިނިކަލް އެޑްވައިޒަރީ މެނޭޖުމެންޓް ޓީމުގެ މެންބަރު އަދި އެތެރެހަށީގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ރޭ ވަނީ ވިދާޅުވެފައެވެ.
މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހްމަދު ޝަހީދު ވިދާޅުވީ އެކަމަށް ހައްލު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެގޮތުން އަތޮޅުތެރެއިން ވެސް ބައެއް ނަރުހުން ގްރޭޓާ މާލެ އޭރިއާގަ ހުރި ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރުމަށްޓަކައި އެބަ ގެނެވޭ،" ޑރ. ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ މިވަގުތު އެއްވެސް ރީޖަނަލް ކޮވިޑް ފެސިލިޓީއެއްގައި މީހަކު އެޑްމިޓްކޮށް ފަރުވާދެމުން ނުދާ ކަމަށާއި، އެހެންކަމުން މާލޭގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނާތީ، މި ސަރަހައްދަށް އިންސާނީ ވަސީލަތް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށެވެ.
އެހެން ނަމަވެސް އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް ކޮންމެ ވަގުތެއްގައި ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮތްކަން ޑރ. ފާހަގަކުރެއްވިއެވެ.
ފެސިލިޓީތައް މެނޭޖުކުރަން އަތޮޅުތެރެއިން ޑޮކްޓަރުންނާ ނަރުހުން ގެނައުމުގެ އިތުރުން، ރާއްޖެއިން ބޭރުން ވެސް ޑޮކްޓަރުންނާ ނަރުހުން ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.
އެގޮތުން މިހާރުވެސް ކޮންމެސް ވަރަކަށް ޑޮކްޓަރުންނާ ނަރުހުން ގެނެވިފަވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.
"ރާއްޖެއިން ބޭރުން އިންސާނީ ވަސީލަތް ގެނައުމަކީ އެހާ ފަސޭހަކަމެއް ނޫން. މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ހާއްސަކޮށް އިންޑިއާ ކަހަލަ ގައުމުތަކުގައި ވެސް މި ބަލި ދަނީ ވަރަށް ބޮޑަށް، ވަރަށް ބާރު މިނެއްގައި ފެތުރެމުން. އެހެންކަމުން އެތަންތަނުން ވޯކާޒް ގެނައުމަކީ ވަރަށް ދަތި ކަމެއް،" ޑރ. ވިދާޅުވިއެވެ.
މީގެ އިތުރުން ހިއުމަން ރިސޯސަސްގެ ކަންތަކުގައި ފެސިލިޓީތައް ހޯދުމަށް ވެސް ޕްރައިވެޓް ސެކްޓާއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި، ޕްރައިވެޓް ހެލްތު ސެކްޓާއިން ހިއުމަން ރިސޯސަސް ލިބޭތޯ ބަލަމުން އަންނަ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ.
ދެބަޔަށް ބަހައިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތް ކުރާއިރު، ކޭސްތައް ގިނަވެގެން ދާނަމަ ސިއްހީ ނިޒާމަށް ދަތިވާނެކަން ޑޮކްޓަރުން އަންނަނީ ފާހަގަކުރަމުންނެވެ.
އަދި މިހާރު ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ހިދުމަތް ކުރުމަށް ސިއްހީ ހިދުމަތްތެރިން ހޯދަން ވެސް ވަނީ އިއުލާނުކޮށްފައެވެ.