މާލެ ސަރަހައްދުގައި ކޮވިޑް19 ޕެންޑެމިކްގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ދެވަނަ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމަށް ކޮވިޑް19 ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރު، ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތު ގޯސްވެ، މި ބަލީގައި އެޑްމިޓުކުރާ މީހުންނާއި މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާ ކަމަށެވެ.

ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރު، ޑރ. އަހްމަދު ޝަހީދު

ޑރ. ޝަހީދު ވިދާޅުވީ މިދިޔަ ހަފުތާގައި ކޮވިޑު ޖެހިގެން މަރުވި މީހުންގެ އަދަދު އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށާއި ހިނގަމުންދާ ހަފުތާގައި ކޮންމެ ދުވަހަކު އެކަކު މި ބަލީގައި މަރުވަމުންދާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި މީހުން އެޑްމިޓުކޮށްފައިވާ މިންވަރު ހަފުތާއަކަށްވުރެ ހަފުތާއެއް އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް ފާއިތުވެދިޔަ އެއް މަސް ދުވަސް ތެރޭގައި އޭގެ ކުރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނައަށް ހޮސްޕިޓަލް ބެޑް އޮކިއުޕެންސީ ވަނީ މައްޗަށް ގޮސްފައި. މިހާރު ގާތްގަނޑަކަށް ކޮވިޑް19ގައި މީހުން އެޑްމިޓުކުރަން ހުރި ޖާގައިގެ 60 ޕަސެންޓު ވަނީ ބޭނުންކުރެވިފައި،" ޑރ. ޝަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ ކޮވިޑުގެ ހާލަތު އަންގައިދޭ ސިސްޓަމުން މިދިޔަ ހަފުތާގައި ސްކޯ ހުރީ ނުވައެއްގައި ކަމަށާއި މިއީ ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއް ކަމަށެވެ.

"މިދިޔަ ހަފުތާގެ ސްކޯއަށް ބަލާއިރު، މުޅި ސްކޯ އުޅެނީ ނުވައެއްގައި. 5-10އާ ދޭތެރޭ ހުންނަ ކަމަށްވާނަމަވެސް ވަރަށް ބޮޑެތި ރެސްޓްރިކްޓިވް މެޝާސް އަޅަންޖެހޭ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

"މީގައި ފާހަގަކޮށްލަން ބޭނުންވާ ކަމަކީ ހަގީގަތުގައި ހާލަތު ވަރަށް ގޯހޭ، މިދިޔަ ހަފުތާގެ ސްކޯވެސް ހުރީ ނުވައެއްގައި. 10އަކަށް މި ސްކޯ އަރައިފިނަމަ ވަރަށް ބޮޑެތި ފިޔަވަޅުތައް އަޅަން ޖެހިދާނެ، އޭގެ ތެރޭގައި ލޮކްޑައުންއެއް ވެސް ގެންނަން ޖެހިދާނެ،"

މާލެ ސަރަހައްދުގެ ހާލަތު ގޯސްވާން ފެށުމާއެކު މިފަހުން ކާފިއުއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރޭގަނޑު 10:00އިން ފަތިހު 5:00އަށް ބޭރުގައި އުޅުން މަނާކުރުމުގެ އިތުރުން، ރޭގަނޑު 8:00އިން ފަތިހު 5:00އަށް އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފަ އެވެ.