ވެރިރަށް މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ކޮވިޑް19 ފެތުރިފައިވާ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝަހީދު ވަނީ ހުޅުމާލެ އަދި ވިލިމާލެ ހިމެނޭގޮތުން މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރެމުން އަންނަ މިންވަރު، އަދި ފެތުރެމުން އަންނަ ސްޕީޑު އަންގައިދޭ މެޕެއް ހިއްސާކުރައްވައިފައެވެ.

އެ މެޕުގައި ދައްކާފައި ވަނީ ޖުލައި މަހުން ފެށިގެން ބަލި ފެތުރެމުން އަންނަ ގޮތެވެ.

ޑރ. ޝަހީދު ވިދާޅުވީ އޯގަސްޓް މަސް ނިމުނު އިރު ގާތްގަނޑަކަށް މާލޭގައި ގާތްގަނޑަކަށް މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ކޮވިޑް19 ފެނިފައިވާ ކަމަށެވެ.

"އާންމުކޮށް މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދަކަށް ފެތުރުފައި އެވަނީ،" ޑރ. ވިދާޅުވިއެވެ.

ޑރ. އިތުރަށް ވިދާޅުވީ މާލޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު، މާފަންނުގައި ބަލި ފެތުރެމުން އަންނަ މިންވަރު އިތުރު ކަމަށެވެ.

ހުޅުމާލޭގައި ވެސް ހަލުވި ކަމާއެކު އަންނަނީ ބަލި ފެތުރެމުންނެވެ. އެހެން ނަމަވެސް މާލެއަށް ވުރެ ހުޅުމާލޭގައި ބަލި ފެތުރޭ މިންވަރު ދަށެވެ.

"މާލެއާ އަޅަބަލާއިރު ހުޅުމާލޭގައި ވެސް ފުދޭވަރަކަށް ފެތުރިފައި، އެހެން ނަމަވެސް ހުޅުމާލޭގައި ސްޕްރެޑް ނުވަތަ ޑިޒީސް ޑެންސިޓީ ތަންކޮޅެއް މަދު ކަމަށް ފާހަގަ ކުރެވޭ،" ޑރ. ވިދާޅުވިއެވެ.

މާލެ އަދި ހުޅުމާލެއާ އަޅާބަލާއިރު ވިލިމާލޭގައި ކޮވިޑް19 ފެތުރެމުން އަންނަ މިންވަރު ދަށެވެ. އެހެން ނަމަވެސް ޖުލައި މަހަށް ވުރެ އޯގަސްޓު މަހު ވިލިމާލޭގައި ވެސް ބަލި ޖެހިފައިވާ މީހުން ފެންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

"ވެދާނެ ވިލިމާލޭގެ އާބާދީ ތަންކޮޅެއް މަދުވެފައި ދިރިއުޅޭ ޖާގަ ތަންކޮޅެއް ހާމަވެފަ ތަނަވަސް ވީމަ ކަމަށް ވެސް ފެކްޓާއަކަށް ވެދާނެ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. ވަނީ ވިލިމާލޭގައި ބަލި ފެތުރުން ދަށް ނަމަވެސް، ވިލިމާލޭގައި ވެސް މިހާރު އަޅަމުން ދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުން އިރުޝާދުތަކަށް ކިޔަމަންވުމަށް އިލްތިމާސްކުރައްވައިފައެވެ.

"ކޮންމެ ރަށަކީ ވެސް މުހިންމު ރަށެއް. މަދުން ފެތުރިފަ އޮތިއްޔާ އަޅާފަ ހުރި ފިޔަވަޅުތައް ހަރުދަނާކޮށް، އެއާ އެއްގޮތަށް ކުރިއަށް ދިއުން ވަރަށް މުހިންމު އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި،" ޑރ. ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތީ މާލެ އާއި ހުޅުމާލޭގައި ކަމަށް ވާތީ، އެ ދެ ސަރަހައްދުގައި ދިރިއުޅޭ މީހުން މިހާރަށް ވުރެ ބޮޑަށް ފަރުވާތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ޑރ. ވަނީ އިލްތިމާސްކުރައްވައިފައެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނަ އިރު، މިހާތަނަށް ޖުމްލަ 7,047 މީހަކަށް ރާއްޖޭގައި ވަނީ އެބަލި ޖެހިފަ އެވެ.