12 Jan 2012, 10:31
ދ. ކުޑަހުވަދޫގައި ސިހުރު ހަދާކަމުގެ ތުހުމަތު ކުރެވިފައިވާ އަލީ ހަސަން (އައްޔުބެ) ރަހުމް ކުޑަގޮތަކަށް މެޔަށް ދަގަނޑުޖަހައި ތޫނު އެއްޗަކުން ކަރު ބުރިކޮށްލައި މަރާލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހެއްގެ ގެއިން ވަޅި ތަކަކާއި ޝައްކުކުރެވޭ ބައެއް އެހެން ސާމާނު ފުލުހުން އަތުލައިގެންފި އެވެ.
އައްޔުބެގެ މަރުގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުން ފާސްކޮށްފައި ވަނީ ފައުޒާން މުހައްމަދާއި އަލީ މާހިރު ފާރޫގު އުޅޭ ގެއެވެ. މާހިރުގެ ގެއިން ބައެއް ވަޅިތަކަކާއި އަންނައުނު ފުލުހުން ގެންގޮސްފައިވާއިރު، ފައުޒާންގެ ގެއިން ވެސް ބައެއް އަންނައުނު ގެންދިޔަ ކަމަށް ސަން އޮންލައިނަށް ވަނީ ކަށަވަރުވެފަ އެވެ.
އެ ދެ މީހުން ދިރިއުޅޭގެ ފުލުހުން ބަލައި ފާސްކޮށްފައި ވަނީ އައްޔުބެއަށް ވަޅިން ހަމަލަދިނުމުން އޮހޮރިފައިވާ ލޭގެ ފޮރެންސިކް ހެކި އެ މީހުންގެ އަންނައުނާއި ގޭގައި ގެންގުޅޭ ވަޅިތަކުން ފެނިދާނެ ކަމަށް ބެލެވިގެންނެވެ.
އައްޔުބެގެ މަރާ ގުޅިގެން ބޮޑެތި ކުށުގެ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންގެ ހާއްސަ ޓީމަކަމާއެކު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާއާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވެސް ކުޑަހުވަދޫގައި ހަރަކާތްތެރިވަމުން އެބަގެންދަވަ އެވެ. ފުލުހުންގެ ބުނީ އައްޔުބެގެ މަރުގެ ތަހުގީގުގެ މައުލޫމާތު ދެވޭނީ ކުޑަހުވަދޫގައި ތިއްބެވި ފުލުހުންގެ އިސް ބޭފުޅުންގެ އެންގެވުމުގެ މަތިން ކަމަށާއި އެ ބޭފުޅުން އިރުޝާދު ދެއްވާ ގޮތަށް މީޑީއާއަށް މައުލުމާތު ދެއްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އައްޔުބެ މަރުގެ ތަގުގީގާ ގުޅިގެން އެއްވެސް މައުލޫމާތެއް މީޑީއާ ހިއްސާކޮށްފަ އެއް ނުވެ އެވެ.
އައްޔުބެގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދ. ގެމެންދޫގައި ކުޑަހުވަދުއަށް ހިޖުރަކުރި ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ފައުޒާން މުހައްމަދާއި އިބްރާހިމް ވަސީމާއި އަލީ މާހިރު ފާރޫގާއި އަބްދުﷲ އަޒުމީ އެވެ. މި އެންމެނަކީ ވެސް 18 އަހަރުން މަތީގެ ޒުވާނުންނުންނެވެ. އެމީހުންގެ ތެރެއިން އަޒުމީ މިހާރު ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
އައްޔުބެގެ މަރުގެ މައްސަލާގައި އޭނާގެ ދަރިން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އައްޔުބެ މަރާލި މީހުންނަށް މައްޗަށް ކުށްސާބިތުވި ނަމަވެސް މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް އޭނާގެ ދަރިން ވަނީ ބުނެފަ އެވެ.