ރާއްޖެއިން މިއަދު ވެސް 135 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމްލަ ކޭސްތައް 7000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ފާއިތުވި ސައްވީސް ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ކަމަށް ދެނެގަނެވިފައި ވަނީ 109 ދިވެހީންނާއި، ބަންގްލަދޭޝްގެ 15 މީހަކާއި އިންޑިއާގެ އަށް މީހަކާއި، މިސްރުގެ ދެ މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓާ މާލެ ސަރަހައްދުން ޕޮޒިޓިވްވި 126 މީހަކާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި ނުވަ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 7,047 އަށް އަރައިފައެވެ. މިހާތަނަށް 4،439 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 2،580 މީހެކެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު 1،460 މީހަކު ތިބި އިރު، 173 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ބަލީގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ މަރުވެފައެވެ.