ފުލުހުންގެ މުއައްސަސާއިން ދިރިއުޅޭނެ ތަނެއް ހަމަޖައްސައިދީފައިވާ އޮފިސަރުންނަށް ލިވިން އެލަވަންސް ނުދޭ ގޮތަށް ނިންމައިފި އެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ވަޒީފާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދެމުންދާ ލިވިން އެލަވަންސް ދިނުމުގައި މިހާރު އަމަލުކުރާ އުސޫލަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުފެންނާތީ، އެ އުސޫލު ބަދަލުކުރުމަށް އެ މުއައްސަސާއިން ނިންމާފައިވާ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާއިން އެކޮމަޑޭޝަން ހަމަޖައްސައިދީފައިވާ އޮފިސަރުންނަށް ލިވިން އެލަވަންސް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ އެ ފަރާތްތަކަށް ލިވިން އެލަވަންސް ނުދޭ ގޮތަށް ނިންމީ." އޮފިޝަލު ވިދާޅުވި އެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން ކޮއްތު ފައިސާ ދޭ އުސޫލަށް ވެސް ބަދަލުތަކެއް ގެނައުމަށްވަނީ ނިންމާފަ އެވެ.

އެގޮތުން މިހާރު ބައެއް ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސަައިދޭ ގޮތް މުރާޖައާ ކުރުމަށްފަހު ފުލުހުންގެ މަރުކަޒުތަކުގެ ތެރެއިން ކެވޭނެ އިންތިޒާމު ހަމަޖެހިފައިވާ މަރުކަޒުތަކުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް ވެސް މެސްރޫމުން ކެވޭނެ ގޮތް އިންތިޒާމު ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިގޮތަށް ނިންމީ ހަމަހަމަ އުސޫލަކުން ހުރިހާ ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.