ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރުގެ ދެބޭފުޅުންގެ މެދުގައި ނުތަވަންސްކަމެއް އުފެދުފައިވާކަން މިއަދު އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުން ހާމަވެއްޖެ އެވެ.

ހެލްތް މިނިސްޓްރީން ކޮވިޑް19އަށް ކުރި ހަރަދުތަކުގެ ކޮރަޕްޝަަންގެ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ފުލުުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެންމެ ބޮޑު ކޮރަޕްޝަނެއް ފެންމަތިވެފައި ވަނީ، ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރި ކުންފުނިތަކާ ގުޅޭ ގޮތުންނެވެ.

އެ މައްސަލައާ ގުޅިގެން އަމީން ވަނީ އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވެވަޑައިގެންފަ އެވެ. އަދި ސްޓޭޓް މިނިސްޓަރު ޝާހު ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. އެ ދެ ބޭފުޅުންވެސް ނިސްބަތްވަނީ ސަރުކާރު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ ކޮމިޓީގައި ބިޑް ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ޝާހު ވިދާޅުވީ، ދުބާއީ ކުންފުންޏާ ހަވާލުކޮށްގެން ރާއްޖެ ގެނައި ބައެއް ވެންޓިލޭޓަރުތަކުގައި މައްސަލަ އުޅޭތީ އެކަމުގެ ކަންބޮޑުވުން އަމީންއާ ވެސް ހިއްސާ ކުރެއްވި ކަމަށެވެ. އަދި މިނިސްޓްރީގެ ޕޮލިސީ ލެވެލްގެ މަޝްވަރާތަކުގައި އޭނާ ބައިވެރި ނުކުރައްވާކަން ޝާހް ވިދާޅުވި އެވެ.

"އަޅުގަނޑު ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން ހުރި އިރުވެސް [މިނިސްޓްރީގެ ކަންކަމުުގައި] މިނިސްޓަރު [އަމީން] އަޅުގަނޑު ބައިވެރިކޮށްފައި ނުވޭ. އެހެންވީމަ އަޅުގަނޑުގެ ފުރަތަމަ ކޮންސާން [ކަންބޮޑުވަކީ] ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުރެ އަދި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަމުން ދިޔަ އިރު، ޕޮޮލިސީ ލެވަލްގައި މިކަންކަން މަޝްވަރާ ކުރަން ޖެހޭ ވަރަށް މަޝަވަރާ ނުކުރޭ،" ޝާހް ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަމީން (ކ) އަދި ސްޓޭޓް މިނިސްޓަރު ޑރ. ޝާހް (މ): އެ ދެބޭފުޅުންގެ މެދުގައި ނުތަނަވަސް ކަމެއް ވަނީ އުފެދިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝާހު ވިދާޅުވީ، ބިޑް ކޮމިޓީގައި އޭނާ ހިމެނުނު ނަމަވެސް، 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏާ ހަވާލުކުުރުމަށް ބޭއްވި ކޮމިޓީގެ މަސައްކަތްތަކުގައި އޭނާ ބައިވެރި ނުވާ ކަމަށެވެ. އެހެން ކަމުން އެކަމުގައި ގޯހެއް އޮތްތޯ ނެތްތޯ ދަންނަވަން ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޝާހު ވަނީ ބަޔާނެއް ވެސް ނެރުއްވާ އޭނާގެ ދައުރެއް އެކަމުގައި ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބަޔާނުގައި އޭނާ ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ކަމާ ގުޅޭ އެކި ފަރާތްތަކާ މީގެ ކުރިން ހިއްސާކުރި ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކު "ސަން"އަށް ވިދާޅުވީ، އަމީން އާއި ޝާހުއާ ދެމެދު ކޯޅުން ވަރަށް ކުރީއްސުރެ އޮންނަ ކަމަށެވެ. އަދި އެއް ޕާޓީއަކަށް އެދެ ބޭފުޅުން ނިސްބަތްވި ނަމަވެސް، މިނިސްޓަރު ކަމުގެ މަގާމަށް އެ ދެބޭފުޅުން ވެސް އަންނަން ބޭނުންވުމުން އެ ހިސާބުން ނުތަނަވަސްކަމެއް އުފެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމީންއަށް މިނިސްޓަރު ކަން ދެއްވިއިރު، ޝާހުވެސް ހުރީ ވަރަށް ބޮޑަށް އެ މާގަމަށް އުންމީދުކޮށްގެން. ޕަވާ ހަންގާގެ މައްސަލައެއް މިއުޅޭނީ،" އޭނާ ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީގެ މުވައްޒަފުންގެ ވާހަކަތަކުންވެސް ކަށަވަރުވެފައިވާ ގޮތުގައި އެ ދެބޭފުޅުންގެ ގުޅުން ވަނީ މިފަހުން ވަރަށް ގޯސް ވެފަ އެވެ.

ކޮމިޓީގައި އަމީ ންއާއި ޝާހް ކައިރި ކައިރީގައި ތިއްބެވި އިރު، އެ ދެބޭފުޅުން ވާހަކަ ދެއްކެވިތަނެއްވެސް ނުފެނެ އެވެ. އަދި ކޮމިޓީ ނިމުމާއެކު ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުން ބިލެތް މީރުކޮށްލުމަށް ވަޑައިގެންނެވި އިރު ޝާހް ވަނީ މަޑު ނުކުރައްވާ ވަޑައިގެންފަ އެވެ.