މެރިން ޑައިވް ފެއާއިން ޑައިވް އެންޑް ޓްރެވަލް އެވޯޑްސް ނަމުގައި ކުރިއަށް ގެންދިޔަ އެވޯޑް ހަފްލާގައި ރާއްޖެއަށް "ޑްރީމް ޑައިވް ޑެސްޓިނޭޝަން" އެވޯޑް ލިބިއްޖެ އެވެ.

މިއީ ރާއްޖެއިން މި އެވޯޑް ވިދިިިވިދިގެން ހާސިލްކުރި 12ވަނަ ފަހަރެވެ.

މެރިން ޑައިވް ފެއާއަކީ ކޮންމެ އަހަރަކުވެސް ޖަޕާނުގެ ޓޯކިޔޯގައި ސްކޫބާ ޑައިވިން އަދި ބީޗް ރިސޯޓްތަކަށް ހާއްސަކޮށްގެން ބާއްވާ ފެއާއެކެވެ. މިފެއާއަކީ ސްކޫބާ ޑައިވަރުންނާއި މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ދުނިޔޭގެ ފެންވަރުގައި ވަރަށް މަގުބޫލު ފެއާއެކެވެ.

ރާއްޖޭގެ ޑައިވް ސެގްމެންޓް ތަޖުރިބާކުރަން އެންމެ ގިނަ އަދަދަށް ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމަކީ ވެސް ޖަޕާނެވެ. އެހެންކަމުން މި ފެއާއަކީ ވެގެން ގޮސްފައިވަނީ ޖަޕާނާއި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ ޑައިވިން ސެގްމަންޓް އިތުރަށް ޕްރޮމޯޓްކޮށް ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލު ކުރުމަށް ލިބިގެންދާ ރަނގަޅު ޕްލެޓްފޯމެކެވެ.

ޖަޕާނާއި އިތުރު މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓު ކުރުމަށްޓަކައި އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި އެމްއެމްޕީއާރުސީން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން މިފަހުން ހިންގި ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ހިންގި ވިޒިޓް މޯލްޑިވްސް ލޭޓާ ކެމްޕެއިނާއި ފޭސްބުކް ލައިވް އިވެންޓް، "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އަގެއިން" ހިމެނެ އެވެ.

މީގެ އިތުރުން މި ހަރަކާތްތަކުގެ ތެރޭގައި "ރީޑިސްކަވާ މޯލްޑިވްސް" ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ ވެބިނާ ސީރީޒްގައި ނިއު ނޯމަލްގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު ސަމާލުވާންވީ ކަންތައްތަކާއި ރާއްޖޭގައި ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި ތަފާތު ތަޖުރިބާތައް ދައްކާލުން ވެސް ހިމެނެ އެވެ.

މި ވެބިނާ ސީރީސް ރާވާފައިވަނީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓްތަކަށް އާމަޒުކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން އެއް ގައުމަކީ ޖަޕާނެވެ. މިއަހަރުގެ ފެބްރުއަރީމަހު ޖަޕާނުން 4052 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.4 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ޖަޕާނުން ޖުމުލަ 44251 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.6 ޕަސެންޓު އިތުރު އަދަދެކެވެ.