25 Aug 2020, 22:10
ކޮވިޑް19ގައި ހާލު ބޮޑުވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ދުބާއީ ކުންފުންޏާ ގުޅުން ނުކެނޑޭ ކަމަށާއި ވެންޓިލޭޓަރުތައް ރާއްޖެ ފޮނުވޭނެ އާ ތާރީހެއް މިހާރު އެ ކުންފުނިން ދީފައިވާ ކަމަށް ހެލްތް މިނިސްޓްރީގެ ކަމާ ބެހޭ ބޭފުޅުން މިއަދު ވިދާޅުވެއްޖެ އެވެ.
ގެރެންޓީއެއް ނެތި، އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދިނުމަށް ފަހު، 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށް މަސައްކަތް ހަވާލުކުރީ ޓެކްނިކަލް ގާބިލްކަން ވަޒަންނުކޮށް މާލިއްޔަތު ގާނޫނާއި ގަވާއިދުތަކުގެ ބޭރުން ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުވާ އެ މައްސަލައިގައި މާލިއްޔަތު ކޮމިޓީއަށް ހެލްތުގެ އިސް ވެރިން ހާޒިރުކޮށް މިއަދު މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން ދުބާއީ ކުންފުންޏާ އެކު މިހާރު މުއާމަލާތް ކުރުމުގައި އިސްކޮށް އުޅުއްވާ ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ މޫސާ ވިދާޅުވީ، ރާއްޖެއިން ބޭނުންވާ "ވެއިންމެން" ބްރޭންޑުގެ ޓްރާސްޕޯޓަބަލް ވެންޓިލޭޓަރުތައް ދުބާއީ ކުންފުނީގެ އަތުގައި ހުރި ކަމަށް އީ-މެއިލްގެ ޒަރިއްޔާއިން މިހާރު ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އެތަކެތި މި މަހުގެ 30އާ ހަމަޔަށް ރާއްޖެއަށް ފޯރުކޮށްދޭނޭ ކަމަށް އަންގާފައިވާ ކަމަށާއި ޕެކިން ޑީޓެއިލްތައް ވެސް މިހާރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން 10 ވެންޓިލޭޓަރެއް އެ ކުންފުނިން އެބަހުރި ފޯރުކޮށްދީފައި ނަމަވެސް އެތަކެތި އަޅުގަނޑުމެންގެ ސްޕެސިފިކޭޝަނަށް ނުފެތޭތީ އެތަކެތި އަޅުގަނޑުމެން ބަލައިނުގަންނަން. ދެން އެބޭފުޅުން އެބަ އޮތް ރަނގަޅު ވެންޓިލޭޓަރުތައް އޮގަސްޓް 30ގެ ނިޔަލަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައި. އެ އީމެއިލް ކޮމިޔުނިކޭޝަންތައް އެބަހުރި،" ތަސްލީމާ ވިދާޅުވި އެވެ.
މީގެ ކުރިން އެކި ތާރީހުތައް ދީގެން ވެސް ވެންޓިލޭޓަރުތައް އެ ކުންފުނިން ފޮނުވާފައި ނުވާތީ، އެ ވެންޓިލޭޓަރުތައް ދެން ލިބޭނެ ކަމުގެ ކިހާވަރެއްގެ ޔަގީންކަމެއް އޮތްތޯ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ސުވާލުކުރެއްވުމުން ކޮމިޓީގައި އިންނެވި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ދުބާއީ ކުންފުންޏާ ދެމެދު ބަރާބަރަށް މުއާމަލާތް ކުރެވެމުން ދާ ކަމަށެވެ. އަދި އެ ކުންފުނިން މައުލޫމާތު ދީފައި ވަނީ ލަސްތަކެއް ކުރިމަތިވި ނަމަވެސް ވެންޓިލޭޓަރުތައް ގެނެވޭނެ ކަމަށާއި އެތަކެތި ސަޕްލައިނުކޮށްދޭނެ ކަމަށް އެ ކުންފުނިން އެއްވެސް އިރެއްގައި ބުނެފައި ނުވާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މީގެ އިތުރުން، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ތަފާތު ވާހަކަތައް ދެކެވުމާއި އެތަކެތި ލިބުން ލަސްވުމާ އެކު، ދުބާއީ ކުންފުނިން ދައްކާ ވާހަކަތައް ޔަގީންކުރުމުގެ ގޮތުން އެ ފަރާތަށް ގުޅައިގެން އިތުރަށް އެކަން ޔަގީންކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިނިސްޓްރީއަށް ލިބިހުރި މައުލޫމާތުތަކަށް ބަލާއިރު، އަދި އަޅުގަނޑަށް ލިބިފައި ހުރި ބްރީފްތަކަށް ބަލާއިރު ވެންޓިލޭޓަރުތައް ނުލިބޭނެ ހާލަތެއްގައެއް ނޫން އޮތީ. އެކަން އަޅުގަނޑަށް ގަބޫލު ކުރެވޭ. މި ވާހަކަ އެކި ގޮތްގޮތަށް ފެންމަތިވާން ފެށީމާ މިނިސްޓްރީއިން އިތުރަށް ވެރިފައިކުރުމުގެ ގޮތުން އޭގެ ބްރޭންޑްތަކާއި ފެކްޓްރީތަކުން އޭގެ ފޮޓޯތަކާއި ވީޑިއޯތަކާ އެއްޗިހިވެސް ގެނެވި އެ މަސައްކަތްތަކެއް ވެސް ގޮސްފި. އެހެންވީމާ، އަޅުގަނޑު އަތުގައި މިހާރު ހުރި މައުލޫމާތަށް ބަލާއިރުވެސް އެ ވެންޓިލޭޓަރުތައް ނާންނާނެ ކަމަށް ބުނަން އުނދަގޫ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
އެހެންކަމުން މިނިސްޓަރު އަމީން ވިދާޅުވީ، ދުބާއީ ކުންފުންޏަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް "އެއްވެސް އިރެއްގައި ނާންނާނެ" ކަމަށް މިނިސްޓްރީއިން ނިންމައި އުންމީދު ކަނޑާލާފައި ނުވާނެ ކަމަށެވެ. އަދި މިފަހުން ވެންޓިލޭޓަރުތައް އައުމުގެ ލަސްތަކެއް އުޅުނީ އެ ކުންފުންޏާ ދެމެދު ޕޭމަންޓްގެ ބައެއް ކަންކަން ދިމާވުމުން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ނަމަވެސް އެކަންވެސް މަޝްވަރާކޮށް އެއްބަސްވުމަކަށް އައިސްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ދުބާއީގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ވެސް އެތަކެތި ރާއްޖެ ގެނައުން އަވަސް ކުރުމަށް މަސައްކަތް ކުރައްވާކަން ވެސް މިނިސްޓަރު އަމީން މިއަދު ހާމަކުރެއްވި އެވެ.
ގަޕޯ އިތުރަށް ސުވާލުކުރެއްވީ، އެހާ ގިނަ އަދަދެއްގެ ފައިސާ ދިނުމަށް ފަހު ވެންޓިލޭޓަރުތައް ރާއްޖެ ނުލިބިއްޖެ ނަމަ ގެއްލުމުގެ ޒިންމާ ނަގާނެ ފަރާތްތަކަކީ ކޮބައިތޯ އެވެ.
އެ ސުވާލަށް މިނިސްޓަރު އަމީން ވިދާޅުވީ އެވަގުތު ރާއްޖެ އާއި ދުނިޔޭގެ ހާލަތު އޮތް ގޮތުން މިނިސްޓްރީއިން ކޮންމެ ދުވަހަކުވެސް ނަގަން ޖެހުނީ ވަރަށް ބޮޑެތި ރިސްކުތަކެއް ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތައް ގެންނަން އެޑްވާންސަށް ފައިސާއެއް ވެސް ނުދީ ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްފައިވީ ނަމަވެސް، މެޑްޓެކް ކުންފުނިން ފިޔަވާ އެހެން ބަޔަކަށް އެކަން ނުކުރެވޭ ކަމަށެވެ.
އެހެންކަމުން، ޑަބްލިއުއެޗްއޯއަށް ކުރި އިތުބާރަކަށް ބަލާ އެޑްވާންސަށް ފައިސާ ދީގެންވެސް، ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ "ބޮޑު ރިސްކެއް" ނަގާފައި ކަމަށް މިނިސްޓަރު ގަބޫލު ކުރައްވަ އެވެ. އަދި އެ ރިސްކުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބުނުކަމަށް ނިންމަން އަވަސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރަނގަޅު! ވެންޓިލޭޓަރުތައް ގެނައުން އެބަ ލަސްވޭ. ނަމަވެސް އެތަކެތި ނުލިބޭ ހިސާބަކު ނޫން ކަންކަން އޮތީ. އެއީ ވެސް ނަގާފައި އޮތް ބޮޑު ރިސްކެއް އެވަގުތުގެ ހާލަތަށް ބަލައި. އެ ހާލަތުގައި ކަންކަން ނިންމާކަށް މާގިނަ އިރެއް ނުލިބޭ. ކުޑަ ވަގުތުކޮޅެއް ލިބެނީ. ދެން އެ ނެގި ރިސްކުން ދައުލަތަށް ގެއްލުން ވެއްޖެ ނަމަ، ތިބޭފުޅުން ތި ކުރައްވާ މަސައްކަތުން [ތަހުގީގުން] އެނގިވަޑައިގަންނަވާނެ އެ ރިސްކު ނެގީމާ ޒިންމާ ނަގަން ޖެހޭ ބޭފުޅުން،" މިނިސްޓަރު ވިދާޅުވި އެވެ.
ފުރަތަމަ ފައިސާ ފޮނުވަން އެދުނީ އަމިއްލަ މީހެއްގެ އެކައުންޓަށް
ކޮމިޓީގައި މާލީ ޒިންމާދާރުވެރިޔާ އަހުމަދު އަސްލަމް ވިދާޅުވީ ދުބާއީ ކުންފުންޏާ އެކު ވެންޓިލޭޓަރުތައް ގެނައުމަށް ކުރަމުން އަންނަ މުއާމަލާތްތައް އޭނާ ސަސްޕެންޑް ކުރުމާ ހަމައަށް ވެސް ހުއްޓާނުލާ ކަމަށެވެ. އޭނާވެސް ވިދާޅުވީ އެ ކުންފުންޏަށް އެތަކެތި ރާއްޖެއަށް ނުފޮނުވޭނޭ ހާލަތެއް އޮތް ކަމަށް ދުވަހަކުވެސް ނުބުނާ ކަމަށެވެ.
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ދުބާއީ ކުންފުނިން އެދުނު ކަމަށް އޮޑިޓް އޮފީހުން ބުނާތީ އެކަމާ ގުޅޭ ގޮތުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ ދުބާއީ ކުންފުނިން ފުރަތަމަ އެދުނީ، އަމިއްލަ ފަރުދެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ނަމަވެސް، އެގްރިމަންޓް ކުރާ ފަރާތް ފިޔަވާ އެހެން ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުން ރައްކާތެރި ނުވާނެތީ އެ ކުންފުނީގެ ނަމުގައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރަން ނިންމީ ކަމަށެވެ.
"ރަނގަޅު ފައިސާ ފޮނުވަން ބެލީއިރު އެބޭފުޅުން އޮތީ އަމިއްލަ ފަރުދެއްގެ ނަމުގައި އޮތް އެކައުންޓެއްގެ ނަމްބަރު ދީފައި. ދެން އަޅުގަނޑުމެން އެކަން ބެލިއިރު، އެގްރިމަންޓް ކުރާ ކުންފުނީގެ ބޯޑް ރިޒޮލިއުޝަނެއް ބޭނުންވޭ އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވާ ކަމަށް ވަންޏާ. އެހެންވެ، އަޅުގަނޑުމެން ނިންމީ ރަނގަޅު ގޮތެއް ނޫނީ އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުން. އެހެންވެ، އަޅުގަނޑުމެންނަށް ފެނިގެން އެ ކުންފުނީގެ އެކައުންޓަށް ފައިސާ ޖަމާކުރީ،" އަސްލަމް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ދުބާއީ ކުންފުނީގެ މައުލޫމާތު ހޯދުމަށް ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހަށް އޭނާ ގޮސް އެތަނުގެ އޮފިޝަލުންނާ ބައްދަލުކޮށް މައުލޫމާތު ހޯއްދެވި ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ހޯދަން ދުބާއީ ކުންފުންޏަށް ދިނުމުގައި އެއްވެސް ގޯހެއް ހަދާފައިނުވާނެ ކަމުގެ ޔަގީންކަން އޭނާ ތަކުރާރުކޮށް ދެއްވި އެވެ.
ނުލިބި ހުރި ވެންޓިލޭޓަރުތައް ހޯދުން ވަރަށް މުހިންމު
ކުރިން ވެސް ވާހަކަ ދެއްކެވި ހެލްތުގެ ޑީޖީ ތަސްލީމާ ކޮމިޓީގައި ވިދާޅުވީ، ވެންޓިލޭޓަރު ހޯދުމަކީ މިވަގުތަށް ވެސް ޑިމާންޑަށް ބަލާއިރު ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެގޮތުން، މީގެ ކުރިން އެސްޓީއޯއާ ގެންނަން ހަވާލުކުރި 24 ވެންޓިލޭޓަރު އަދިވެސް ނުލިބޭކަން ފާހަގަ ކުރައްވާ ތަސްލީމާ ވިދާޅުވީ، އެކި ގޮތްގޮތުން ވެންޓިލޭޓަރު ހޯދަން ހެލްތުން މަސައްކަތްތައް ކުރަން ޖެހުނީ އެވަގުތުގެ ހާލަތު ހުރި ގޮތުން ކަމަށެވެ. އެހެން ކަމުން ވެންޓިލޭޓަރުތައް ލިބުން ލަސްވުމަކީ ވެދާނެ ކަމެއްކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ނާޑާއި މެޑް ޓެކަށް ވެންޓިލޭޓަރު ގެންނަން ދިނީ، މީގެ ކުރިން އައްޑޫ ހޮސްޕިޓަލަށް އެދެެ ކުންފުނިން ވެންޓިލޭޓަރު ފޯރުކޮށްދީފައި ވާތީ، އެ ކުންފުނިތަކުގެ ރެކޯޑަށް ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މެޑްޓެކުން ގެންނަ ވެންޓިލޭޓަރުތައް ބަރާބަރަށް ހަމައަށް ލިބުނު ނަމަވެސް، ނާޑާ ހަވާލުކުރި 24 ވެންޓިލޭޓަރު ލިބުން އަދިވެސް ލަސްވެފައިވާ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.
ރާއްޖޭގައި މިވަގުތު ހުރީ 135 ވެންޓިލޭޓަރުކަން ފާހަގަ ކުރައްވާ ތަސްލީމާ ވިދާޅުވީ ކޮވިޑް19ގެ ބަލި މިހާރު ބާރަށް ފެތުރި އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވަމުން ދާއިރު މިވަގުތު ހުރި ވެންޓިލޭޓަރަށް ވުރެ އިތުރަށް ވެންޓިލޭޓަރު ހޯދުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިވަގުތަށް ބޭނުންވާ ވަރަށް ވެންޓިލޭޓަރު އެބަހުރި. ނަމަވެސް މިވަގުތަށް ހޯދަން ހުރި ވެންޓިލޭޓަރު ހޯދުން ވަރަށް މުހިންމު އެބަވޭ،" ތަސްލީމާ ވިދާޅުވި އެވެ.