12 Jan 2012, 10:16
"ތިހެނެއް ނުނިޔޭނެ" މިނަމުގައި އެމްޑީޕީން ރޭ ކެމްޕޭނެއް ފަށައިފި އެވެ. އެމްޑީޕީ ހަރުގޭގައި ރޭ ފެށި ކެމްޕޭނަކީ އެމްޑީޕީގެ ސަރުކާރުގެ އިސްވެރިންނަކީ މުސްލިމުން ނޫން ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ކިޔާތީ އެކަން ހުއްޓުވުމަށް ފެށި ސިލްސިލާ މަސައްކަތެއް ކަމަށް ރޭ އޮތް ޖަލްސާގައި އިއުލާން ކުރި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެ ޕާޓީގެ އިސް ވެރިން ބައިވެރިވި ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ އެމްޑީޕީ މީހުންނަކީ އިސްލާމުން ނޫން ކަމަށް ބުނާ ނަމަ އެކަން ކޯޓަށް ސާބިތުކޮށްދޭން ވާނެ ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދެއްކުމަށް ފަހު އެކަން ސާބިތު ނުކޮށްދެވޭ ނަމަ އެގޮތަށް ވާހަކަ ދެއްކި ފަރާތްތައް "އަނގަ ހައްދު" ޖަހަން ޖެހޭނެ ކަމަށް ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރަކީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަދޭން މަސައްކަތްކުރާ ސަރުކާރެއް ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުންގެ އަގީދާއާ މެދު ޝައްކުތައް އުފެދޭ ގޮތަށް ވާހަކަ ދައްކާ ފަރާތްތައް ހައްޔަރުކޮށް ތަހުގީގުކުރުމަށް ވެސް އެމްޑީޕީގެ ވަގުތީ ޗެއާމަން ރީކޯ މޫސާ މަނިކު ގޮވާލެއްވި އެވެ.
".... ސަރުކާރަށް ގޮންޖަހާ އެއްވެސް ރައްޔިތަކަށް ތެދުވެވިއްޖެ ނަމަ އެ ރައްޔިތަކާ ދެކޮޅަށް ގާނޫނުލް އުގޫބާތުން ފިޔަވަޅު އެޅުމަށް މަނައެއް ނުކުރޭ. އެހެންވީމާ އަޅުގަނޑު މިގޮވާލަނީ، މިއުޅޭ އަހަންމައިދީ އާއި މިއުޅޭ ޖަމީލާއި މިއުޅޭ މައުމޫނު ހިފާ ހައްޔަރުކޮށް ތަހުގީގު ކޮށްދޭށޭ،" މޫސާ މަނިކު ވިދާޅުވި އެވެ.
މޫސަ އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހިއްތިރިކުރެއްވީ ކުރިން ހިނގާފައިވާ ކަންތައްތަކާ މެދުގައި ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު ހަސަން ލަތީފު ވިދާޅުވީ މާލޭގައި 33 މިސްކިތް ހުރި އިރު ހަށިވިއްކާ 60 އަށް ވުރެ ގިނަ ތަން ހުރި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚު އިމްރާނު އަބުދުﷲ ވިދާޅުވެފައިވާ ކަމަށާއި އެތަންތަނާ ބެހޭ މައުލޫމާތު އޭނާގެ ފަރާތުން ހޯދުމަށް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
" ...ޝެއިޚު އިމުރާން ވިދާޅު ވަނީ މާލޭގައި 33 މިސްކިތް ހުރި އިރު، 60 އަށް ވުރެ ގިނަ ހަށިވިއްކާ ތަންތަން އެބަހުއްޓޭ، އެއީ އަޅުގަނޑުމެން ހުށައެޅި ދައުވާއަކީ ފުލުސް އޮފީހަށް. އަޅުގަނޑުމެން ހުށައަޅާފައިވާ މައްސަލައަކީ، ޝެއިޚު އިމުރާނަށް މާލޭގައި 60 އަށް ވުރެ ގިނަ ހަށިވިއްކާ ތަންތަން ހުރިކަން އެނގިވަޑައިގަންނަވާ ކަމަށްވާ ނަމަ އެތަންތަން ދައްކަވަން ޖެހޭ، އަދި އިމުރާނަށް އެތަންތަން ނުދެއްކިއްޖެ ނަމަ އަދިވެސް އަޅުގަނޑުމެން ހުށައަޅާނަން ސާބިތު ނުހިފޭ ދޮގުވާހަކަ ދެއްކި ކަމުގެ ދައުވާ ކޮށްދޭން،" ހަސަން ލަތީފު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޚު ހުސެން ރަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ޑިސެމްބަރު 23 ވަނަ ދުވަހު "އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މިނަމުގައި ކުރި މުޒާހަރާ އަށް ވެސް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވި އެވެ.
"އިސްލާމްދީން ހިމާޔަތްކުރަން ނުކުތުމަކީ ރަނގަޅުކަމެއް. އެކަމަކު އިސްލާމްދީން ހިމާޔަތް ކުރަން ނުކުންނަން ވާނީ ހަމަ ހަގީގަތުގައި ވެސް އިސްލާމްދީން ހިމާޔަތްކުރަން ބޭނުންވާ މީހުން. މިސާލަކަށް ރެޑްވޭވް ސަލީމު ތެދުވެވަޑައިގެން ޕޯޑިއަމްގައި ތިމަންނަ މިހިރީ އިސްލާމްދީން ހިމާޔަތްކުރާށޭ ބުނީމާ ހަޑި. ގާސިމް ހުއްޓިވަޑައިގެން ރާވިއްކުން ހުއްޓާލާށޭ ގޮވީމާ ހަޑި،" ހުސެން ރަޝީދު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަސީމު ]ނަފާނަސީމު[ގެ އަޑުދަށުން ހަރުގޭގެ ޖަލްސާގައި ބައިވެރިވި އެމްޑީޕީގެ އެންމެން ވަނީ އަޑުހަރުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔައިފަ އެވެ. އަދި އެއަށް ފަހު ނަސީމު ވިދާޅުވީ ދެން ހަމަ ގައިމު ވެސް އެމްޑީޕީގެ މެމްބަރުންނަކީ މުސްލިމުން ނޫނެކޭ ނުކިޔޭނެ ކަމަށެވެ.
"ދެން ހަމަ ގައިމު ވެސް އެހެންނެއް ނުކިޔޭނެ، ތިޔަހެނެއް ނުކިޔޭނެ،" ނަސީމު ވިދާޅުވި އެވެ.