26 Aug 2020, 08:42
އަންކަރާ (އޮގަސްޓް 25) --- އެމެރިކާގެ މިހާރުގެ ވެރިންނާ އަދި އެމެރިކާގެ މަސްރަހުގައި އިސްކޮށް އުޅުއްވާ ސިޔާސީ ބޭފުޅުންނަކީ ސިކް މެންޓަލިޓީ ނުވަތަ ނަފްސާނީ ބަލިކަމުގައި ސައިކޯ ހާލަތަށް ގޮސްފައިވާ ބައެއްކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ސިފަކުރައްވައިފި އެވެ.
ހުޅަނގުގެ އަސްކަރީ ޖަމާއަތް ކަމަށްވާ ނޭޓޯގެ ގައުމެއް ކަމަށްވާ ތުރުކީގެ ރައީސް އެރުދުޣާން ވިދާޅުވީ އެމެރިކާގެ ސިޔާސީ ފަރާތްތަކުން އިސްކަންދެނީ ޑިމޮކްރަސީއާއި ގާނޫނާ އެއްގޮތަށް ހިންގާ ދައުލަތްތަކާ މުއާމަލާތް ކުރުމުގެ ބަދަލުގައި އަޑީގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ މުއާމަލާތް ކުރުމަށް ކަމުގަ އެވެ.
މިއީ ތުރުކީން ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކުރާ ސޫރިޔާގެ ކުރުދީންގެ އަސްކަރީ ޖަމާއަތެއްކަމަށްވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް އާއި އަދި 2015 ވަނައަހަރު ތުރުކީއަށް އަސްކަރީ ބަޣާވާތެއް ގެންނަން މަސައްކަތްކުރި ތުރުކީގެ އިދިކޮޅު ލީޑަރެއްކަމަށްވާ ފަތްހުﷲ ގުލެންގެ ޖަމާއަތަށް އެމެރިކާ ވާގިވެރިވާ މައްސަލާގައި ކޯފާވެގެން އެމެރިކާއަށް ދެއްވި ބަހުގެ ޙަމަލާއެއްކަމަށް މުރާސިލުން ސިފަކުރެ އެވެ.
ތުރުކީގެ ރިޔާސީ ގަނޑުވަރުގައި ބޭއްވި އެގައުމުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެރުދުޣާން ވިދާޅުވީ އެމެރިކާ އިން ތުރުކީއަށް ކަންކަން ޑިކްޓޭޓް ކުރުމުގެ ޒަމާން މާޒީވެއްޖެކަމަށާ ތުރުކީގެ އަމިއްލަ މަސްލަހަތު ދިފާއުކުރުމަށް ޓަކައި އެމެރިކާއާ ދެބަސްވެ ޒުވާބުކުރަން ޖެހިއްޖެ ނަމަ އެކަންވެސް ކުރާނެކަން އެމެރިކާއަށް މިހާރު އެނގޭނެ ކަމުގަ އެވެ.
"މާޒީގައި ވެސް އެކަން ފެނިގެން ގޮސްފައިވާނެ" ކަމަށް ވިދާޅުވަމުން ތުރުކީގެ މަސްލަހަތު ދިފާއުކުރުމުގައި އެމެރިކާއަށް ނޫނެނޭ ބުނަންޖެހުނު ކޮންމެ ތަނެއްގައި ނޫނެކޭ ބުނާނެކަމަށް އެރުދުޣާން ވިދާޅުވި އެވެ. އަދި އޭނާގެ ވެރިކަމަކީ ތުރުކީގައި ކުރިން އޮތްފަދަ އެމެރިކާ ބުނާހާ ގޮތެއް ހަދާނެ ވެރިކަމެއްނޫންކަން އެމެރިކާގެ ވެރިން ތަޖްރިބާ ކުރައްވާފައިވާނެ ކަމަށް އެރުދުޣާން ވިދާޅުވި އެވެ.
އެރުދުޣާން މިހެން ވިދާޅުވެފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެރުދުޣާން ކުރިމަތިކުރައްވާ ގޮންޖެހުންތަކުގެ ކުރިމަތީގައި އޭނާއަށް ވެސް ހިފަހައްޓާލެވެނީ ހަމަކިރިޔާ ކަމަށާ އޭނާގެ ވާދަވެރިޔާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ޖޯބައިޑެން ވެރިކަމަށް ވަޑައިގެންފިނަމަ އެރުދުޣާން ފަދަ ބޭފުޅުންނާ ކުރިމަތިލެއްވުމުގެ ހިއްވަރު ނުހުންނާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އެރުދުޣާންއަކީ އެމެރިކާގެ އިތުުރުން ޔޫރަޕްގެ ލީޑަރުންނާއި ހުޅަނގުގެ ސިޔާސަތުތަކަށް ވަރަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ތުރުކީއަށް އަސްކަރީ ބަޣާވާތެއް ގެންނަން މަސައްކަތްކުރި އެގައުމުގެ އިދިކޮޅު ލީޑަރެއްކަމަށްވާ ފަތްހުﷲ ގުލެންގެ ފަހަތުގައި ވަނީ އެމެރިކާ ކަމަށް ތުރުކީ ދެކެ އެވެ. އެމެރިކާގައި ދިރިއުޅުއްވާ ގުލެންގެ މައްޗަށް ޝަރީއަތް ހިންގުމަށްޓަކައި އޭނާ ތުރުކީއާ ހަވާލުކުރަން ތުރުކީގެ ޝަރުޢީ ދާއިރާއިން އެދޭއެދުމަށް އެމެރިކާ ދެކޮޅު ހަދާ މައްސަލައަކީ ތުރުކީއާއި އެމެރިކާއާ ދެމެދުގައިވާ ގިނަ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއްމައްސަލަ އެވެ.
ތުރުކީއަކީ ނޭޓޯއަށް ސްޓްރެޓީޖިކް ގޮތުން މުހިއްމު ގައުމަކަށްވެފައި ތުރުކީ ރަޝިއާއާ ގުޅުން ބަދަހިކުރުމަކީ އެމެރިކާގެ އިތުރުން ނޭޓޯއަށް ނުރައްކާވާނެ ކަމެއްކަމަށްވާތީ އިރާނާ ގުޅުން ބަދަހިކުރުން ފަދަ އެމެރިކާ ނުރުހޭ ގޮތަށް ތުރުކީގެ އަމަލުތައް ހުރިނަމަވެސް ތުރުކީއާ ދެކޮޅަށް މާބޮޑު ފިޔަވަޅެއް އަޅަން އެމެރިކާއަކަށް ކެރިފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)