26 Aug 2020, 08:36
ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ސައިފް އަލީ ޚާން އޭނާގެ ހަޔާތުގެ މައްޗަށް އޮޓޯބަޔޮގްރަފީއެއް ލިޔަމުންދާ ކަމަށް ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާއަށް ސައިފް ދިން އިންޓަވިއުއެއްގައި ބުނީ އެ ފޮތުގައި އޭނާގެ ފިލްމީ އިންޑަސްޓްރީ ފެށުނު ގޮތާއި އޭނާގެ އާއިލާ އާއި އޭނާއަށް ލިބުނު ކާމިޔާބީތަކާއި ނާކާމިޔާބީތައް ވެސް މި ފޮތުގައި ލިޔާނެ ކަމަށެވެ. އަދި އޭނާގެ "އިންފުލޫއެންސް" އާއި "އިންސްޕިރޭޝަން" ވެސް މި ފޮތުގައި ލިޔާނެކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ނަން ހާމަނުކުރާ އެ ފޮތް ލިޔުމުގެ މަސައްކަތް ސައިފް މިހާރު ފެށިއިރު މި ފޮތް ރިލީޒްކުރާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އެކްޓަރު ސައިފް އޭނާގެ ހަޔާތާ ބެހޭ ގޮތުން ފޮތެއް ލިޔަން ނިންމިއިރު ދާދިފަހުން އޭނާ ވަނީ އޭނާއަށް ހަތަރު ވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް ބުނެފަ އެވެ. އެ ދަރިފުޅު ވެގެންދާނީ ކަރީނާ ކަޕޫރު އާއި ސައިފްގެ ކައިވެންޏަށް ލިބޭ ދެވަނަ ދަރިފުޅަށެވެ.